ރުއްގަސް ނަގަން އެދުނު 73 ޕަސެންޓް ރިކުއެސްޓަށް މިއަހަރު ހުއްދަ ނުދޭ ކަަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފި އެވެ.

ރުއްގަސް ނެގުމުގެ ޝަކުވާ ބޯޑުވެ އެ ކަންތައް ހިނގާގޮތް ބެލުމަށް މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީއަށް މިއަދު އިޕީއޭގެ އިސްވެރިން މިއަދު ވަނީ ހާޒިރުކޮށް ސަުވާލުކޮށްފައެވެ.

އެ ކޮމެޓީގައި އީޕީއޭގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނައީމް ވިދާޅުވީ މިއަހަރު ރުއްގަސް ނެގުމަށް އެދި ހުށަހެޅި 27 އެޕްލިކޭޝަނެއް ރިޖެކްޓް ކޮށްފައިވާ ކަމަށެވެ. އަދި ރުއްގަސް ނަގަން ހުއްދަ ދިނީ އެންމެ 10 ފަރާތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ރުއްގަސް ބޭރުކުރުމަށް ހުއްދަ ދެނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަށެވެ.

" ޒަރޫރީ ބޭނުންތަކުގެ ގޮތުގައި އަޅުގަނޑުމެން މި ބަލަނީ މިސާލަކަށް މީހުން ދިރިއުޅޭ ސަރަހައްދެއްގެ މަގެއް ހެދުން. މީހުން އުޅޭ ސަރަހައްދެއްގަ މިސްކިތެއް އެޅުން. ނޫނީ ފުޓްބޯޅަ ދަނޑެއް ކަަހަލަ ތަނެއް އެޅުން. " ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ އެފަދަ ތަންތަން ހަދަން ކައުންސިލްއިން ނިންމިޔަސް އެތަންތަނުން ރުއްގަސް ކަނޑަށް ހުއްދަ ދެނީ ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށްފަހު ކަމަށެވެ.

" އެ ތަނަކީ ރަށުގެ ލޭންޑްޔޫސް ޕްލޭންގައި އެޕްރޫވަލް ލިބިގެން އަދި އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ހުރިތޯވެސް ބަލަން ޖެހޭ." ނައީމް ވިދާޅުވިއެވެ.