24 Jun 2019, 16:30
ސުކޫލް ކުދިން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި މެދު ރާއްޖެތެރޭ ރަށެއްގެ ސުކޫލެއްގެ ލީޑިން ޓީޗަރުގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
އެނގިފައިވާ ގޮތުގައި ލީޑިން ޓީޗަރުގެ ބަންދަށް 10 ދުވަސް ޖެހީ އޭނާ ހައްޔަރުކުރި ރަށުގެ ކޯޓުންނެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އޭނާގެ އެ ފަދަ މައްސަލަތަކެއް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކުރުމާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފުލުހުންނެވެ.
ޖެންޑާ މިނިސްޓްރީ އިން ވެސް ވަނީ އެކަން އެ މިނިސްޓްރީއަށް ހުށަހެޅިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ދިވެހި ފިރިހެން ލީޑިން ޓީޗަރަކު އެ ސްކޫލްގެ އަންހެން އަދި ފިރިހެން ކުދިން ތަކަކަށް އެކި ދުވަސްވަރުގެ މަތިން ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އެ ރިޕޯޓް ލިބުމާ އެކު އެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރަން ފަށައި ކޯޓު އަމުރެއްގެ ދަށުން 46 އަހަރުގެ އެ ޓީޗަރު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ މައުލޫމާތު އިއްޔެ އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބަނީ ބުނެފަ އެވެ. ނަމަވެސް އެ ލީޑިން ޓީޗަރާ މެދު އެޑިއުކޭޝަން މިނިސްޓްރީން އަދި ފިޔަވަޅެއް އެޅި ކަމެއް އެނގިފައެއް ނުވެ އެވެ.