މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބުދުލް ހަމީދު ހޯމަ ދުވަހުގެ ޖަލްސާ އަށް ވަޑައިގަތުމުން އުފެދުނު މައްސަލަ ހައްލު ނުކުރެވި މިއަދުގެ ޖަލްސާ ވެސް ކެންސަލްކޮށްފި އެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ އެ މައްސަލަ ހައްލު ކުރެއްވުމަށް، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާއާ އެކު ޚިޔާލު ތަފާތުވުންތައް ނައްތާލައި ޙައްލަކާ ހަމައަށް އާދެވޭތޯ މިއަދާ ހަމަ އަށް ވެސް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު މަސައްކަތް ކުރައްވާފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތައް ބަލަހައްޓަވާ ކޮމިޓީގައި އެ މައްސަލައާ ގުޅިގެން މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.

އެހެންނަމަވެސް މިހާތަނަށް އައިއިރު ވެސް އެ މައްސަލަ އަށް އަލިމަގެއް ފެނިފައި ނުވުމާ އެކު މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ނުބާއްވާ ގޮތަށް ހަމަޖެއްސީ ކަމަށް ވެސް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ ރައްޔިތުންގެ މަޖިލީހުގައި ވޭތުވެ ދިޔަ ތަނުގައި ވެސް ދިމާވެފައިވާ އެފަދަ މައްސަލަތަކުގައި އާއި އެއަށް ވުރެ ބޮޑެތި ޚިޔާލު ތަފާތުވުންތަކުގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޖިލީހުގެ މެންބަރުން ޙައްލު ނެރެދެއްވާފައިވާ ކަން ފާހަގަކުރައްވައި މިހާރު ކުރިމަތިވެފައިމިވާ މައްސަލާގައި ވެސް ޕާޓީތަކުގެ ލީޑަރުންނާއި މަޖިލީހުގެ ހުރިހާ މެންބަރުން ޙައްލެއް ނެރެދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް ޔަގީން ކުރައްވާ ކަމަށެވެ.

އިސްމާއިލް އަބުދުލް ހަމީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ވަޑައިގެންނެވި މައްސަލައާ ގުޅިގެން ބައެއް މެންބަރުން ވިދާވީ ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރަމުންދާ ދަނޑިވަޅެއްގައި ފުލުހުންގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް އޭނާ އަށް އެއްވެސް ތަނަކަށް ނުދެވޭނެ ކަމަށެވެ. ނަމަވެސް އޭނާ މަޖިލީހުގެ ޖަލްސާ އަށް ވަޑައިގެންފައި ވަނީ މިނިވަނެއްގެ ގޮތުގައި ކަމަށާއި ހުކުމެއް ތަންފީޒު ކުރަމުންދާ މެންބަރަކަށް މަޖިލީހުގެ ޖަލްސާ އަށް ވަޑައިގަތުމުގެ ފުރުސަތު މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ދެއްވައިގެން ނުވާނެ ކަމަށެވެ.