24 Jun 2019, 14:18
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާ މައްސަލަ ރައްޔިތުން މަޖިލީހުން ބެލުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓްގައި ފާހަގަ ކުރި ގޮތުގައި، ރިލްވާން ގެއްލުވާލި މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން ބަލަމުން ގެންދާތީ އެ މައްސަލަ މަޖިލީހުން ނުބެލުމަށް އޮތީ ލަފާދީފަ އެވެ.
އެހެން ނަމަވެސް އެ ރިޕޯޓްގެ ބަހުސްގެ މަރުހަލާގައި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ ރިލްވާން ގެއްލުވާލުމުގައި ފުލުހުން އިހުމާލުވުން ހިމެނޭ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި އެއީ ވަކިން ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި މުޅި މައްސަލަ ރިޔާސީ ކޮމިޝަނުން ބެލި ނަމަވެސް، ފުލުހުންގެ އިހުމާލުގެ މައްސަލަ ވަކިން ބަލަން ޖެހޭކަން ހިސާން ފާހަގަ ކުރެއްވި އެވެ. ހިސާން އެ ރިޕޯޓަށް އިސްލާހު ހުށަހެޅުއްވީ، އެ މައްސަލަ މަޖިލީހުން ބަލަން ޖެހޭ މައްސަލައެއްގެ ގޮތުގައި ބޭއްވުމަށެވެ.
އެ އިސްލާހަށް ވޯޓަށް އެހުމުން، މަޖިލީހުގައި އެވަގުތު ތިއްބެވި 67 މެންބަރުން ވޯޓް ދެއްވީ އެ އިސްލާހު ފާސްކުރުމަށެވެ. އެ އިސްލާހު އިއްތިފާގުން ފާސްވުމާ އެކު މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރެއްވީ، ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުުރުމުގައި ފުލުހުން ވެފައިވާ އިހުމާލުތައް މަޖިލީހުން ތަހުގީގު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ކަނޑައެޅުނު ކަމަށެވެ.