26 Oct 2011, 14:44
ޓޮޓެންހަމްގެ އިނގިރޭސި ފޯވާޑް ޖާމެން ޑެފޯ އަށް ދިމާވެފައިވާ ހިތްދަކަން އެނގޭ ކަމަށް ބުނެ، ބެންޗުގައި ދުވަސްތައް ހޭދަކުރަން ޖެއްސުނީތީ މަޢާފަށް އެދޭކަމަށް އެކުލަބުގެ ހޮލެންޑް ފޯވާޑް ރަފެއަލް ވެންޑަ ވާޓް ބުނެފި އެވެ.
މިސީޒަނުގައި ޓޮޓެންހަމް އަށް ކުޅުނު ހަތަރު މެޗުން ފަސް ލަނޑު ކާމިޔާބު ކޮށްދިން ވެންޑަ ވާޓް ވަނީ އެކުލަބަށް ސީޒަނުގެ ކުރީކޮޅުގައި ލިބެމުންދިޔަ ނާކާމިޔާބީ އަށް އުނިކަމެއް ގެނެސްދީފަ އެވެ. މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު މުބާރާތްގައި ބައިވެރިވި ޓޮޓެންހަމް އަށް ވަނީ މިސީޒަނުގެ މުބާރާތުގެ ޖާގަ ގެއްލިފަ އެވެ.
"މިދިޔަ ސީޒަނަށް ވުރެ މިސީޒަނުގެ ޓޮޓެންހަމްގެ ސްކޮޑު މާ ވަރުގަދަ. މި ސްކޮޑާއި އެކު އަހަރެމެން ނަށް ގިނަ މެޗުތަކަކުން ކާމިޔާބު ލިބޭނެ. އަހަރެމެންނަށް ބޮޑެތި ކުލަބުތައް ވެސް މި ސްކޮޑާއި އެކު ބަލިކުރެވިދާނެ. މިވަގުތަށް މެންޗެސްޓާ ސިޓީ އަކީ އެހެން ޓީމުތަކާ އަޅާ ބަލާއިރު މާ ވަރުގަދަ ޓީމެކޭ ބުނެވިދާނެ. އެކަމު ދެން ހުރި ބޮޑެތި ކުލަބުތައް ދާދި ހަމަހަމަ." ވެންޑަ ވާޓް ބުންޏެވެ.
ވެންޑަ ވާޓް ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން އެކުލަބުގެ ޓޯގޯ ފޯވާޑް އަޑެބަޔޯ އާއެކު ފޯވާޑް ލައިނުގައި ހަރަކާތްތެރި ވުމުގެ ފުރުސަތު ވަނީ ލިބިފައެވެ. މިސީޒަނަށް ލޯނުގެ ދަށުން ގުޅުނު އަޑެބަޔޯގެ ސަބަބުން ޑެފޯ އަށް ވަނީ ގިނަ މެޗުތަކެއްގައި ބެންޗުގައި އިންނަން ޖެހިފައެވެ.
"އަހަރެން ޓީމަށް ނެގުމުން އަހަރެން ބަލަނީ ގޯލު ކާމިޔާބު ކުރެވޭތޯ. ފުރަތަމަ އެގާރައަށް ނަގާނެ ކުޅުންތެރިންގެ ތެރޭގައި އަހަރެން ހިމެނެން ޖެހޭނެ ކަމަށް އަހަރެން ގަބޫލުކުރަން. އަހަރެން އެކަމާއި ހާހެއް ވެސް ނުވަން. އެހެން ނަމަވެސް ޑެފޯ އަށް އަހަރެން މަޢާފަށް އެދެން." ވެންޑަ ވާޓް ބުންޏެވެ.