10:00


އެޑިއުކޭޝަން މިނިސްޓަރު ޑރ.މުސްތަފާ ލުތުފީގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ކުރަމުންގެންދާ މަސައްކަތް އެމްޑީޕީން ކުށްވެރިކޮށްފި އެވެ.


މިކަން ކުށްވެރިކޮށް އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީން ގަބޫލުކުރާ ގޮތުގައި ޑރ.މުސްތަފާ ލުތުފީއަކީ އެމަނިކުފާނުގެ މަގާމުގެ މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާ އަދި ގައުމަށާއި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރަމުން ގެންދަވާ އާންމު ރައްޔިތުންގެ އަތްފޯރާފަށުގައި ހުންނަވާ ސާދާ ބޭފުޅެއް ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން އިންތިޒާމް ކޮށްގެން މިހާރުވެސް މާލެ އާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތާއި އަދި ޓީޗަރުންނަކީ މިހާރަށް ވުރެ ވެސް ފަންނީ ގާބިލް ބަޔަކަށް ހެއްދެވުމަށްޓަކައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ޓީޗަރުންނަށް އިތުރު ތަމްރީން ދިނުމުގެ މަސައްކަތާއި ދަރިވަރުންގެ ތަޢުލީމްކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޕާޓީގެ ބަޔާނުގައިވެ އެވެ. އަދި ނަމާދު ކުރުމާއި ދީނީ ކަންކަމަށް އަހުލުވެރި ކުރުވުމާއި، ކުޅިވަރުގެ ކަންކަން ފަހިކޮށްދިނުމާ، އިތުރު ހަރަކާތްތަކުގައި ބައިވެރިވެ އުޅުމުގެ މަގު ފަހިކޮށްދިނުން ފަދަ ކަންކަން ވަރަށް ފުރިހަމަ އިންތިޒާމެއްގެ ދަށުން ހިނގަމުންދާކަން އެ ޕާޓީން ފާހަގަކުރާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.


ވަޒީރުންގެ މަޖިލީހުގެ ބޭފުޅަކު އެމްޑީޕީއާ ގުޅި ވަޑައިގަންނަވާ ކޮންމެ ފަހަރަކު ގައުމީ މަސްލަހަތައްވުރެ ސިޔާސީ ފިކުރު އިސްކުރައްވައި އެ ބޭފުޅަކު ވަޒީރުންގެ މަޖިލީހުން ބޭރުކުރުމަށް މަސައްކަތް ކުރުމަކީ، ވަގުތީ ފައިދާ އެއް ހާސިލްކުރުމަށް އިދކޮޅު ފަރާތްތަކުން އާންމު ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ޚަރަދު ކުރުމަށް ކުރާ މަސައްކަތެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ. އަދި ޑރ.މުސްތަފާ ލުތުފީއާ ދެކޮޅަށް ބައެއް މެމްބަރުން ނަގަން މަސައްކަތްކުރަމުން ގެންދާ އިތުބާރު ނެތް ކަމުގެ ވޯޓުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީގެ ސީދާ ބައިވެރިވުން މިހާތަނަށް ނެތް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.


އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ކުށެއްނެތް ދިވެހި ރައްޔިތަކު ހިމާޔަތް ކުރުމަށް ވަކި ޕާޓީ އެއްގެ، ވަކި މަގާމެއްގައި ހުރި މީހަކަށް ބެލުމެއްނެތި އެމްޑީޕީއަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި އެކަމުގައި ޑރ.މުސްތޮފާ ލުތުފީ އިސްތިސްނާ ވެގެން ނުވާނެ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.