24 Jun 2019, 13:01
މަތީ ތައުލީމުގެ ލޯނަށް އެދި މިހާތަނަށް 900 އެއްހާ ފޯމް ހުށަހަޅާފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލޯނަށް އެދި އިއްޔެ އާ ހަމައަށް އެކަނިވެސް 700 ފޯމް ހުށަހެޅި ކަަމަށެވެ.
ލޯނަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ މިއަދުއެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އަލަށް ލޯން ދޭން ފަރާތްތައް އިއުލާން ދެން ކުރާނީ ހުށަހަޅާ ހުރިހާ ފޯމްތަކެއް އެެސެސްކޮށް ނިމުމުން ކަމަށެވެ.
މިދިޔަ މާޗް މަހު އިއުލާންކުރި ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 586 ފުރުސަތުތަކުގެ ތެރެއިން ސްޓޫޑަންޓް ލޯން ހަމަޖައްސައިދީފައިވަނީ އެންމެ 79 ފަރާތަކަށެވެ. މިނިސްޓްރީން ބުނީ އެހާ މަދުދަރިވަރުންނަށް ލޯން ނުލިބުނީ ގިނަ އަދަދެއްގެ ދަރިވަރުން އުސޫލާ ހިލާފަށް ފޯމް ފުރުމުން ކަމަށެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފަހުން ވަނީ މިމަހުގެ 12 ވަނަ ދުވަހު އެކި ދާއިރާތަކުން 163 ލޯންގެ ފުރުސަތު އަލުން ހުޅުވާލައިފައެވެ.
އަލަށް ލޯނުގެ ފުރުސަތު ހުޅުވާލިއިރު ބޭނުން ގައުމަކުން ކިޔަވުމަށް ލޯނަށް އެދޭގޮތަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލޯން ސްކީމްގެ އުސޫލަށް ވަނީ ބަދަލުގެނެސްފައެވެ.