24 Jun 2019, 12:13
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަސް މެންބަރުންގެ ދައުރު މި އަހަރުގެ ސެޕްޓެމްބަރު މަހަށް ހަމަވާތީ، އެކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އޭސީސީ އަށް ފަސް މެންބަރުން އައްޔަނު ކުރުމަށް ޓަކައި، ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އޭސީސީގެ މެންބަރުންގެ ކިބާގައި ހުންނަންޖެހޭ ޝަރުތުތަކަކީ:
މުސްލިމަކު ކަމުގައިވުން
- ދިވެހިރައްޔިތަކު ކަމުގައިވުން
- ޢުމުރުން 25 އަހަރު ވެފައިވުން
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ވޭތުވެ ދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ގާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
- ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ކުށެއް ނުވަތަ މަކަރާއި ޙީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މާފްކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން؛
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
އޭސީސީގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒު ހަސަންގެ އިތުރުން ސަފްވަތު މުހައްމަދާއި ޔަޒްމީދު މުހައްމަދު އަދި އާމިނަތު މިންނާ އެވެ.
އޭސީސީގެ ރައީސްގެ މަގާމު ފުރުއްވާ ލުތުފީ ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަހަރީ ޗުއްޓީއެއް ނަންގަވައިފަ އެވެ. އެފަހުން އޭނާ މަސައްކަތަށް ނުނިކުންނަވަ އެވެ. ނަމަވެސް، އަދި ވެސް މުސާރަ ހިނގަ އެވެ.
ލުތުފީއަށް ތުހުމަތު ކުރެވޭ މަނީ ލޯނަޑްރިންގެ މައްސަލައެއް ފުލުހުން ބަަލަމުންދާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ. ލުތުފީ މަގާމުން ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުވައްސަަސާތަކާ ބެހޭ ކޮމެޓީ އަށް ވަނީ ހުށަހަޅައިފަ އެވެ.