ބ. ކެންދޫއަށް ނިސްބަތްވާ ރާއްޖޭގެ މަޝްހޫރު ބޭސްވެރިޔާ ޔޫސުފު ހުސެއިން އަވަހާރަވެއްޖެ އެވެ.

ޔޫސުފް ހުސެއިން އަވަހާރަވި އިރު އުމުރުން 85 އަހަރެވެ.

ޔޫސުފް ހުސެއިންގެ އާއިލާގެ މީހަކު "ސަން" އަށް މައުލޫމާތު ދެއްވަމުން ބުނީީ އޭނާ އަވަހާރަވީ ބަލިވެއުޅެފައެއް ނޫން ކަމަށެވެ. އަދި އުމުރާ އަޅާބަލާ އިރު ސިއްހަތު ރަނގަޅު ކަމަށް ވެސް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އާއިލާގެ މެމްބަރު ބުނީ ޔޫސުފް ބޭސްވެރިކަން ކުރައްވާތާ 50 އަކަށް އަހަރު ވެދާނެ ކަމަށެވެ.

ޔޫސުފް އަވަހާރަވި އިރު އަންބަކާއި ހަތް ކުދިން ދުނިޔޭގައި އެބަތިއްބެވި އެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް ހިމެނެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދުވަސްވަރު ޔޫސުފްއަށް ވަނީ އާންމު ހިދުމަތުގެ އިނާމާއި އަދި ޝަރަފްވެރިކަމުގެ އިނާމް ވެސް އަރުވައިފަ އެވެ.

ދިވެހި ބޭސްވެރިކަމުގެ ދާއިރާގައި މަޝްހޫރު ޔޫސުފް އަކީ ރުއްގަލުގެ ބޭހާއި އަދި އެހެނިހެން ހުރިހާ ވައްތަރެއްގެ ދިވެހި ބޭސް ހެއްދެވުމުގައި ކުޅަދާނެ ބޭފުޅެކެވެ.