26 Oct 2011, 14:42
މިސީޒަނުގެ ސްޕެނިޝް ލަލީގާ ކާމިޔާބު ކުރުމަކީ ރެއާލް މެޑްރިޑްގެ އެންމެ ބޮޑު އެއް އަމާޒުކަމަށް އެކުލަބުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑާއި އެކު ތިން ޕްރެމިއާ ލީގު ތަށި ކާމިޔާބުކުރި ރޮނާލްޑޯ 2009 ވަނަ އަހަރު އަށްޑިހަ މިލިޔަން ޕައުންޑަށް ބަދަލުވި ފަހުން ކާމިޔާބު ކުރެވިފައި ވަނީ އެންމެ ތަށްޓެކެވެ. އެއީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑާއި އެކު ކާމިޔާބު ކުރެވުނު ކޮޕާ ޑެލް ރޭ ތައްޓެވެ.
މިދިޔަ ސީޒަނުގެ ދެވަނާގައި އޮވެ ސީޒަން ނިންމާލި ރެއާލް މެޑްރިޑް، މިސީޒަނުގައި ވެސް އޮތީ ލީގުގެ ދެވަނާގަ އެވެ. މިސީޒަނުގެ ލީގު އެއްވަނާގައި އުޅެނީ ހައިރާން ކުރަނިވި ނަތީޖާތަކެއް ހޯދަމުންދާ ލަވެންޓޭ އެވެ. ލަވެންޓޭ އެންމެ ފަހުން ކުޅުނު މެޗުގައި މަލާގާ ކޮޅަށް ހަތަރު ކަނޑު ކާމިޔާބު ކޮށްފައި ވެއެވެ.
މިދިޔަ އަހަރުގައި ރެއާލް ގެ ކޯޗުކަމާއި ހަވާލުވި ހޯސޭ މޮރީނިއޯ ގެ މިދިޔަ ސީޒަނުގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ފާހަގަ ވެގެންދިޔައީ ޗެމްޕިއަންސް ލީގެވެ. ނަމަވެސް މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން ހޯދީ ވާދަވެރި ބާސެލޯނާ އިންނެވެ.
"އަހަރެން ބޭނުމީ މިސީޒަނުގެ ލަލީގާ ކާމިޔާބު ކުރަން. ޓީމުގެ އެންމެ ބޮޑު އެއް އަމާޒަކީ ވެސް ލަލީގާ ކާމިޔާބު ކުރުން. ލަލީގާ ކާމިޔާބު ކުރުމާއެކު، ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ވެސް މަގުތަކެއް ފަހުވެގެން ދާނެ. މިސީޒަނުގެ މުހިންމު މުބާރާތްތައް ކާމިޔާބުކުރަން އަހަރެމެން ބުރަ މަސައްކަތްތަކެއް ކުރާނަން." ރޮނާލްޑޯ ބުންޏެވެ
ރެއާލް މެޑްރިޑަށް އެންމެ ފަހުން ކާމިޔާބު ކުރެވުނު ލަލީގާ ތައްޓަކީ ބާންޑް ސްކަސްޓާ ގެ ކޯޗުކަމުގެ ދަށުގައި 2007-08 ގެ ސީޒަނުގައި ހޯދުނު ލަލީގާ މުބާރާތެވެ. އޭގެ ކުރީ ސީޒަނުގެ ލަލީގާ ތަށި ރެއާލް މެޑްރިޑުން ކާމިޔާބު ކުރެވުނީ ފަބިއޯ ކަޕެއްލޯ ގެ ކޯޗު ކަމުގެ ދަށުގައެވެ.