24 Jun 2019, 12:10
ޔޫ އެންޑް މީ ކޮކޫން ރިސޯޓުން ބިދޭސީ މުވައްޒަފަކަށް ވަޒީފާ ދިން ކަމުގެ ލިޔުން ހަވާލު ކުރުމަށް ފަހު، އެ ވަޒީފާ އެހެން މީހަކަށް ހަމަޖައްސައިދިނުމުން ބަދަލެއްގެ ގޮތުގައި 7500 ޑޮލަރު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ހުކުމްކޮށްފި އެވެ.
އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ ޔޫ އެންޑް މީ ކޮކޫން ރިސޯޓުން، ލަންކާގެ މީހަކަށް ފުޑްސް އެންޑް ބެވަރެޖެސް މެނޭޖަރެއްގެ މަގާމު ދިން ކަމުގެ ވަޒީފާގެ ލިޔުން 25 ނޮވެމްބަރު 2018 ގައި ދިނުމަށްފަހު 29 ނޮވެމްބަރުގައި އެ ވަޒީފާ އެހެން ފަރާތަކަށް ދީފައިވާ ކަމަށް ބުނެ އެވެ.
އެގޮތަށް އެ ރިސޯޓުން އަމަލު ކުރުމުން ލަންކާ މީހާ ބަދަލުގެ ގޮތުގައި ބޭނުންވީ، ވަޒީފާ އަދާ ނުކުރެވުނު ދުވަސްތަކަށް 21،000 ޑޮލަރެވެ. ފުރަތަމަ ވަޒީފާވެސް އަނބުރާ ހޯދަން އޭނާ އެދުނު ނަމަވެސް، ފަހުން އެކަން އަނބުރާ ގެންދިޔަ އެވެ.
ޔޫ އެންޑް މީ ކޮކޫން ހިންގާ އުތުރުމާފަރު ހޯލްޑިން ޕްރައިވެޓް ލިމިޓެޑުން އެ މައްސަލައިގައި ބުނެފައި ވަނީ ލަންކާ މީހާއަށް ދިން ވަޒީފާގެ ފުރުުސަތު 25 ނޮވެމްބަރު 2018ގައި ދިން ގޮތަށް ދެމި އެބަ އޮތް ކަމަށެވެ. އެކަމަކު ވަޒިފާއަށް ނުކުންނަން އިންތިޒާމް ހަމަޖައްސައި ދެވިފައި ނުވަނީ ލަންކާ މީހާގެ ފަރާތުން އެއްބާރުލުން ނުލިބޭތީ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ލަންކާ މީހާއަށް ދިން ވަޒީފާ އަނބުރާ ނެގި ކަމަށް އޭނާ ބުނި ބުނުން ފިޔަވައި އޭނާގެ ވަޒީފާ ނެގި ކަމަށް ބާރުދޭ އެއްވެސް ހެއްކެއް ނެތުމުން، އޭނާގެ އަތުން ވަޒީފާ އަތުލިކަން ސާބިތުނުވާ ކަމަށް ޓްރައިބިއުނަލުގެ ހުކުމުގައިވެ އެވެ. އެކަަމަކު ލަންކާ މީހާއަށް ވަޒީފާ ހަމަޖެއްސައިދިނުމަށް ދަތިވީ، އޭނާގެ ފަރާތުން އެއްބާރުލުން ނުލިބޭތީކަން ސާބިތުނުވާތީ އޭނާއަށް ބަދަލު ދޭން ނިންމީ އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެ މައްސަލައިގައި އުތުރުމާފަރުގެ މައްޗަށް ހުކުމް ކުރީ ލަންކާ މީހާއަށް ބަދަލުގެ ގޮތުގައި 7500 ޑޮލަރު ދިނުމަށެވެ. އަދި އެ ފައިސާ 14 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ރ. އަތޮޅުގައި ތަރައްގީ ކުރާ "ޔޫ އެންޑް މީ" ރިސޯޓަކީ ލޯބިވެރިންނަށާއި، ހަނީމޫނަށް ދާ ފަރާތްތަކާއި، އެކުވެރިންނަށް އަމާޒުކޮށްގެން ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. އެ ރިސޯޓުގައި 109 ކޮޓަރި ހުންނަ އިރު 99 ވޯޓާ ވިލާ ހުރެއެވެ.