ފްރާންސް ގެ ޕެރިސް ސެއިން ޖާމެން (ޕީއެސްޖީ) އިން އިނގިރޭސި މިޑްފީލްޑަރު ޑޭވިޑް ބެކަމް ހޯދުމަށް މަސައްކަތް ކުރަނީ ވިޔާފާރި ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށް ޔޫއެފާގެ ރައީސް މިޝެލް ޕްލެޓިނީ ވިދާޅުވެއްޖެ އެވެ. ބެކަމް މިހާރު ފެނިގެންދަނީ ކުރީގެ ބެކަމް ގެ ގޮތުގައި ނޫންކަމަށް ވެސް ޕްލެޓިނީ ފާހަގަކޮށްފައި ވެއެވެ.

ޕްލެޓިނީ މިކަން ފާހަގަ ކޮށްފައި މިވަނީ، ޕީއެސްޖީ އިން ބެކަމް ގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންދާ ކަން އެކުލަބުގެ ސްޕޯޓިންގް ޑިރެކްޓަރު ލިއަނާޑޯ ދާދި ފަހުން ހާމަކޮށްފައި ވަނިކޮށެވެ. ބެކަމް ހޯދަން ޕީއެސްޖީ އިން އުޅެނީ ފުޓުބޯޅަ ފެންވަރުގެ ބޭނުން ހިފުމުގެ ބޭނުން ނޫންކަމުގައި ކަމަށް ވެސް ޕްލެޓިނީ ފާހަގަ ކޮށްފައި ވެއެވެ.

"ޕީއެސްޖީ އަށް ބެކަމް ދިއުމުން އެކުލަބުގެ ވިޔަފާރި އަށް ނުހަނު ފައިދާތަކެއް ކުރާނެ. ކުޅުންތެރިއެއްގެ ގޮތުގައި އެއް ދުވަސް ވަރެއްގައި އޭނާ އަކީ މޮޅު ކުޅުންތެރިއެއް. ނަމަވެސް މިހާރު އެއީ ކުރީގެ ބެކަމް އެއް ނޫން. ޕީއެސްޖީ އާއި ބެކަމް ގުޅިއްޖެ ނަމަ، އޭނާ ބޭނުން ކުރެވޭނީ ފުޓުބޯޅަ ކުޅޭކަށް ނޫން. ކޮންމެވެސް އެހެން މަގްސަދެއް ހާސިލު ކުރުމަށް ބޭނުން ކުރެވޭނީ." ޕްލެޓިނީ ވިދާޅުވި އެވެ.

މިހާރު އެލްއޭ ގެލެކްސީ އަށް ކުޅެމުންދާ ބެކަމް އާއި އެކުލަބާއި ދެމެޗު ހަދާފައިވާ އެއްބަސްވުން އަންނަ މަހު ހަމަވާނެ އެވެ. ޕީއެސްޖީ ގެ އިތުރުން އިނގިރޭސި ވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާ އާއި ކުއީން ޕާކް ރޭންޖާސް (ކިޔުޕީއާރު) އިން ވެސް ބެކަމް ހޯދުމަށް މަސައްކަތް ކުރަމުން ދެއެވެ.