24 Jun 2019, 09:59
ޓެކްނިކަލް މައްސަލައެއް ދިމާވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު، ހަސަން ޒިޔާއު ވިދާޅުވީ، މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ބޭނުން ކުރާ ބްރޯޑް ކާސްޓިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މަޖިލީހުގެ ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ.
"މައްސަލަ ހައްލުކުރެވެންދެން މަޖިލީހުގެ ޖަލްސާ ދަސްކޮށްފައިވާ ވާހަކަ ދައްނަވަން،" ޒިޔާއު ވިދާޅުވި އެވެ.
ޒިޔާއު ވިދާޅުވީ، މައްސަލަ ހައްލުކުރެވި، ޖަލްސާ ފަށާ ގަޑި މީޑިއާތަކަށް އަންގާނެ ކަމަަށެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ތިން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމާއި ގައުމީ ސަލާމަތު ކޮމިޓީން ބެއްލެވި ބައެއް މައްސަލަތަކުގެ ރިޕޯޓު ހުށަހެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ފުރަތަމަ ކިޔުން އިއްވުމަށް އެޖެންޑާ ކޮށްފައި ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި، އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ބައެއް ދާއިރާތަކަށް ދެމުން އަންނަ ފައިސާގެ އެހީ މަތިކުރުމާއި ގަލޮޅު ދެކުނު ދާއިރާ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި، ވިސިލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކުރުމުގެ ބިލު އަދި ބާރަށު ދާއިރާ މެމްބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި، ދިވެހި ރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލެވެ.