23 Jun 2019, 23:57
ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓައި ދަފްތަރު ނަންބަރު 2997 ޝައިމް އަބްދުﷲ، 14 ގެއްލުނު މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް އިދިކޮޅު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ތުހުމަތުކޮށްފިއެވެ.
ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ގެއްލިގެން ހޯދާތާ ފަސް ދުވަސް ވެފައިވާއިރު އެކުއްޖާއާބެހޭ އެއްވެސް ޚަބަރެއް މިހާތަނަށް ލިބިފައިނުވާތީ އެ ޕާޓީން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.
"އެ ކުއްޖާ ގެއްލިގެން ހޯދުމަށް ފުލުހުންގެ އިދާރާއިން އިއުލާންކޮށް މައުލޫމާތު ހޯދުމަށް އެދުނުއިރު، އެ ކުއްޖާއަކީ ކޮންތާކު ދިރިއުޅޭ ކޮންގެއެއްގެ ކޮންރަށެއްގެ ކުއްޖެއްކަން ހާމަކޮށްފައެއްނުވެއެވެ. މިރޭ މީޑީއާގެ ވަސީލަތްތަކުން މިކުއްޖާއަކީ ކުޑަކުދިންގެ ހިޔާއިން ގެއްލިގެން އުޅޭ ކުއްޖެއްކަމުގެ ޑޮކިއުމެންޓްތަކެއް ލީކުވެފައިވާއިރު ، މިކަމުގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން މަސައްކަތް ކޮށްފައިވާކަން ހާމަވެއެވެ،" ޕީއެންސީގެ ބަޔާނުގައިވެއެވެ.
އެ ޕާޓީން ދެކޭ ގޮތުގައި އެފަދަ ކަންކަން ހިނގަމުން މިދަނީ ސަރުކާރުގެ އެއްވެސް ހަރުދަނާ ކަމެއްނެތް ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ޕީއެންސީން ބުންޏެވެ.
"އަދި ހަމައެހެންމެ މިކަމުގައި ޖެންޑަރ މިނިސްޓްރީ ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން މިޕާޓީން ފާހަގަކުރަމެވެ. ކުޑަކުދިންގެ ހިޔާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭކުދިން ބަލަހައްޓާ ތަނަށްވުމާއި، އެތަނަކީ އެކުދިންނަށް ސަލާމަތްތެރި، ރައްކާތެރި ތަނަކަށް ހެދުމާއި، އެކުދިންގެ ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުމާއި، މިކަންކަން އެންމެ ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ކަމަށްވީހިނދު، މި ހާދިސާއާ ގުޅިގެން އެ މިނިސްޓްރީއަށް ގާނޫނުން މަތިކޮށްފައިވާ ޒިއްމާއަށްވަނީ އިހުމާލުވެފައެވެ،" ޕީއެންސީން ބުންޏެވެ.
އެ ކުއްޖާ ގެއްލުނު މައްސަލައިގެ ސައްހަ މައުލޫމާތު އޮޅުވާނުލާ ރައްޔިތުންނަށް ހާމަކުރުމަށް ޕީއެންސީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
"މިކަމުގައި ފުރިހަމަ ތަހުގީގެއް ހިންގައި، އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މިޕާޓީން ސަރުކާރަށް ގޮވާލަމެވެ. އަދި މިފަދަ ހާދިސާތައް ހިނގުމުން މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ފޮރުވާ އޮޅުވާލުމަކީ ރައްޔިތުންނާމެދު އިހާނެތިވުންކަން ފާހަގަކޮށް، މިސަރުކާރުގެ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
ޝައިމް ހޯދަން ފުލުހުން އިއުލާނު ކުރީ މީގެ ހަ ދުވަސް ކުރިންނެވެ. އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން މިއަދުވެސް ވަނީ ބުނެފަ އެވެ.
ޝައިމް ގެއްލުނުއިރު އޭނާ ދިރިއުޅުނީ ކުޑަކުދިންގެ ހިޔާގަތޯ 'ސަން' އިން ސުވާލު ކުރުމުން ޖެންޑަ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް މުހައްމަދު ފުރަތަމަ ވިދާޅުވީ ޝައިމްއަކީ "ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުއްޖެއް ނޫން" ކަމަށެވެ.
ނަމަވެސް ފަހުން ވިދާޅުވެފައިވަނީ ޝައިމް ގެއްލުނު އިރު ދިރިއުޅުނީ ކުޑަކުދިންގެ ހިޔާގައި ކަމަށެވެ.
"ޝައިމް އަބްދުﷲ އަކީ ކުށުގެ ވެށިން ގެނެވިފައިވާ ކުއްޖަކަށް ވާތީ ކުޑަކުދިންގެ ހިޔާއަށް އޭނާ ގެންދެވުނީ އޭނާގެ އެސެސްމެންޓްތައް ހެދުމަށް. އެއްވެސް ހާލެއްގައި އެ ތަނުގައި މަރުކަޒު ކުރުމަކަށް ނޫން. އެގޮތުން އޭނާ ހުރި ހުރުމުގައި ކުޑަކުދިންގެ ހިޔާގެ ކުދިންނާ އެއްތަން ކުރެވިފައެއް ނުވޭ." ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.
ޝައިމް ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކޮމްޕައުންޑް ތެރޭގައި ހުއްޓާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އޭނާ ކުޑަކުދިންގެ ހިޔާގައި ބެހެއްޓުނީ ވަގުތީ ގޮތުން ކަމަށްވެސް އިބްރާހިމް ވިދާޅުވި އެވެ.
ގެއްލިގެން ހޯދާ ކުއްޖާއާ ބޭހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމައުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން ވަނީ އެދިފައެވެ.