26 Oct 2011, 14:37
ބާސެލޯނާގެ އެންމެ ފަހަތުގައި ހަރަކާތްތެރިވާ ޑިފެންޑަރެއްގެ ގޮތުގައި އާންމު ގޮތެއްގައި ބޭނުންކުރާނެ ކަމަށް ކުރިން ހިޔާލަށް ވެސް ނާންނަކަމަށް ލިވަޕޫލް އިން ބާސާ އަށް މިދިޔަ އަހަރު ބަދަލުވި އާޖެންޓީނާ ޑިފެންޑަރު ހާވިއާ މަޝެރާނޯ ބުނެފި އެވެ.
އުމުރުން 27 އަހަރުގެ މަޝެރާނޯ ފާހަގަވެފައިވަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ޑިފެންސިވް މިޑްފީލްޑަރުގެ ތެރޭގަ ހިމެނޭ ކުޅުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް ބާސާގެ ޑިފެންޑަރުން ކަމަށްވާ ކާލަސް ޕުޔޯލް އަށާއި ޖެރާޑް ޕީކޭ އަށް ލިބުނު އަނިޔާ އާއި ގުޅިގެން މަޝެރާނޯ އަށް ޖެހުނީ މިސީޒަން ފެށުނީއްސުރެ ބާސާގެ އެންމެ ފަހަތުގައި ހަރަކާތްތެރި ވާށެވެ.
"އަހަރެން ކުރިން ހިއެއްވެސް ނުކުރަން މިމަގާމަށް ކުޅެން ޖެހޭނެ ކަމެއް. މިހާރު މިގާމުގައި ހުރެ ޗެމްޕިއަންސް ލީގު ފައިނަލަކާއި، ސްޕެނިޝް ކަޕުގެ ފައިނަލެއް ވެސް ކުޅެވިއްޖެ. އަހަރެން މިމަގާމަށް ކުޅެން ޖެހުނީ ފަހަތަށް ކުޅޭ ކުޅުންތެރިންނަށް އަނިޔާވުމާއި ގުޅިގެން ކަމަށް ބެލެވޭ. މިމަގާމުގައި ހުރެވެސް އެންމެ ރަނގަޅު ކުޅުން ދެއްކެވޭތޯ އަހަރެން ބަލަން. އާންމުކޮށް ކުޅޭ މަގާމަށް ނުވުމުން، މައްސަލަތަކާއި ކުރިމަތިވި." މަޝެރާނޯ ބުންޏެވެ.
ވެސްޓް ހާމް ޔުނައިޓެޑް ގައި އެއް އަހަރު ދުވަސް ހޭދަކުރުމަށް ފަހު 2007 ވަނަ އަހަރު ލިވަޕޫލް އަށް ބަދަލުވި މިޑްފީލްޑަރު މަޝެރާނޯ ވަނީ އެކުލަބަށް މޮޅު ކުޅުމެއް ދައްކުވައި ދީފައެވެ. ބާސާ އަށް މަޝެރާނޯ ގުޅުނީ ތިން އަހަރު ދުވަހު ލިވަޕޫލް ގައި ހޭދަކުރުމަށް ފަހު 2010 ވަނަ އަހަރު އެވެ.