23 Jun 2019, 22:16
މާފުށީ ޖަލުގެ ޔުނިޓް ދޭއް ބަލާ ފާސްކޮށް ތޫނު ހަތިޔާރަކާ އެކު އަށް ފޯނު ހޯދައިފި އެވެ.
މާފުށީ ޖަލުގައި އޮފިސަރަކަށް ހަމަލާ ދިނުމުން ފެށުނު ހަމަ ނުޖެހުންތަކުގެ ތެރެއިން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ގައިދީންނަށް ވަނީ އަނިޔާކޮށްފަ އެވެ. އެކަމާ ގުޅިގެން ޖަލުގައި ގައިދީން ހަޅުތާލުވެސް ކުރި އެވެ.
ކޮމިޝަނަރު އޮފް ޕްރިޒަން އަބްދުﷲ މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ޔުނިޓް ދޭގެ ގޮޅިތައް ބަލާ ފާސްކުރި އިރު ގޮޅިން ނައްޓާލާފައިވާ ތޭރި ދަގަނޑަކާއި އެނބުރި ދަގަނޑުން ތައްޔާރުކޮށްފަ އޮތް ތޫނު ހަތިޔާރެއް ފެނިފައިވާ ކަމަށެވެ. އޭގެ އިތުރުން އަށް ސެލް ފޯނު ފެނިފައިވާ ކަމަށް މުނާޒް ވިދާޅުވި އެވެ.
މާފުށީ ޖަލުގެ ޔުނިޓް ދޭގައި ޖުމްލަ 29 ގޮޅި ހުރެ އެވެ. އެތަނުގައި ތިބެނީ ކިތަށް ގައިދީން ކަމެއް ސާފެއް ނުވެ އެވެ.
ޖަލުގެ ގޮޅިތައް މިއަދު ބަލާ ފާސްކުރީ ޖަލުގެ ބައެއް ގޮޅިތަކުގައި ތިބި ބަންދު މީހުންނާއި ގައިދީން ގޮޅިތަކުގައި ހުރި ކެމެރާތަކަށް ގެއްލުންދީ، އޮފިސަރުންނަށް ހަމަލާދެމުންދާތީ ކަމަށް ބުނެ އެވެ.
ޖަލުގެ ޔުނިޓް ދޭއް ބަލާ ފާސްކޮށްފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މުވައްޒަފުންނާއި އިންސްޕެކްޓަރ އޮފް ޕްރިޒަންސްގެ ހާޒިރުގަ އެވެ.
ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް މުނާޒް ރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.