އާސެނަލްގެ ކެޕްޓަން ރޮބިން ވެން ޕާސީ އާސެނަލް ގައި ދެމިހުންނާނެ ކަމަށް އުންމީދު ކުރާ ކަމަށް އެކުލަބުގެ އައިވަރީ ކޯސްޓް ފޯވާޑް ޖާވީނިއޯ ބުނެފި އެވެ.

ލިލޭ އިން މިސީޒަނުގައި އާސެނަލް އަށް ބަދަލުވި ޖާވީނިއޯ ވަނީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ކެޕްޓަން ވެން ޕާސީ އާއެކު ވަރުގަދަ ގުޅުމެއް ބަދަހިކޮށްފަ އެވެ. ވެން ޕާސީ އަށް ގޯލު ޖެހުމަށް އެތައް ފަހަރަކު ޖާވިނިއޯ ވަނީ އެހީތެރިކަން ފޯރު ކޮށްދީފަ އެވެ.

ވެން ޕާސީ އާއި އާސެނަލް އާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން މަދު ދުވަސް ކޮޅަކަށް ވެފައިވާ އިރު، އެކުލަބުން އެއްބަސްވުން އާކުރުމަށް މަސައްކަތް ކުރަން ވަނީ ޖެހިފަ އެވެ. މިސީޒަނު ފެށުމުގެ ކުރިން ފެބްރިގާސް އާއި ނަސްރީ އާސެނަލް ދޫކޮށް ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކުލަބާއި އެކު ކާމިޔާބީ ތަކެއް ނުހޯދުމެވެ. އެހެން ކަމުން ވެން ޕާސީ މިސަބަބާއި ހެދި ދިއުމުގެ ކުރިން ކާމިޔާބީ ތަކެއް ހޯދައިދިނުމަށް ކޯޗު ވެންގާ އަށް ވަނީ މަސައްކަތް ކުރަން ޖެހިފައެވެ.

"ކުލަބުގައި ހުރި އެންމެ މޮޅެތި ކުޅުންތެރިން ޓީމުގައި ހުންނަން އަހަރެމެން އަބަދުވެސް ބޭނުންވޭ. ވެން ޕާސީ ކަހަލަ މޮޅު ކުޅުންތެރިއެއް ޓީމުން ދިއުމަކަށް އަހަރެމެންނެއް ނޭދެން. ވެން ޕާސީ ޓީމުގައި ބަހައްޓަން ބޭނުމަކީ ވެން ޕާސީ އާއެކު އަދިވެސް ކުޅެން ބޭނުންވާތީ. އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަހަރެމެންނާއި އެކު ޓީމުގައި ބަހައްޓަން ބޭނުން. ކެޕްޓަނެއްގެ ދައުރު އޭނާ ވަރަށް ރަނގަޅަށް އަދާކުރޭ." ޖާވީނިއޯ ބުންޏެވެ.