މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކަކީ، ގައުމީ ސަލަމާތަށް ނުރައްކަލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަަކުގެ ކޮމިޓީން ނިންމައިފި އެވެ.

މާފުށީގައި މިދިޔަ ބުރާސްފަތި ދުވަހު އޮފިސަރުންނާއި ގައިދީންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް އޮތްތޯ ބެލުމަށް ރޭ ގައުމީ ސަލާމަތު ކޮމިޓީއަށް ކޮމިޝަނަރ އޮފް ޕްރިޒަންސް، އަބްދުﷲ މުނާޒު ހާޒިރުކުރިއެވެ.

މުނާޒާ ސުވާލުކުރުމަށްފަހު، މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ނިންމެވީ ހަމަނުޖެހުންތަކަކީ، ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ކޮމިޓީން ވަނީ މަޖިލީހަށް ހުށަހެޅުންތަކެއް ހުށަހެޅުމަށް ނިންމާފައެވެ.

ގައުމީ ސަލާމަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފު ވިދާޅުވީ، މުނާޒްއާ ސުވާލުކޮށް މާފުށީ ހަމަނުޖެހުން ހިނގައިދިޔަ ގޮތް ސާފުކުރުމުން ތިން ކަމެއް ފާހަގަވި ކަމަށެވެ. އެގޮތުން ޖަލުގައި އެކަށިގެންވާ ވަސީލަތް ނެތުމާއި ގައިދީން ބެލެހެއްޓުމަށް އެކަށީގެންވާ ވަރަށް އޮފިސަރުން ނެތުން އަދި ޖަލުގެ ބައެއް ބައިގައި ވަށައިގެން ފާރު ރޭނުން މުހިންމުކަން އެނގިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ވިލުފުށި ދާއިރާ މެމްބަރު، ހަސަން އަފީފު ވިދާޅުވީ، އެކަން ކަން އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް ހުށަހަޅަންޖެހޭ ކަމަށެވެ.

މުގައްރިރު ޝަރީފު ވިދާޅުވީ، އެކަންކަން ކޮމިޓީގެ ފައިނަލް ރިޕޯޓުގައި ހިމަނާނެ ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ އެ މައްސަލައަކީ ސަލާމަތާ ގުޅުންހުރި ކަމަކަށްވުރެ ބޮޑަށް ހިއުމަންރައިޓްސްގެ މައްސަލައެއް ގޮތުގައި ކަމަށެވެ. އެހެން ކަމުން ކޮމިޓީން ނިންމީ، އެކަމާ ގުޅިގެން މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީއަށް އެ ކޮމިޓީން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ދޫކޮށްލުމަށެވެ.

އެ މައްސަލަ ހިއުމަންރައިޓްސް ކޮމިޓީން ވެސް ދަނީ ބަލަމުންނެވެ.

މާފުށީގައި މިދިޔަ ބުރާސްފަތި ދުވަހު އޮފިސަރުންނާއި ގައިދީންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ގައިދީންގެ ބޯ ތުނިކޮށް ކޮށައި، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް އިއްޔެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައިވެ އެވެ.

ހަމަ ނުޖެހުންތަކާ ގުޅިގެން ބައެއް ގައިދީންނަށް މަރުގެ އިންޒާރު ދެމުން އަންނަ ކަމަށް ބައެއް އޮފިސަރުން ވަނީ ބުނެފައެވެ. އެގޮތުން މިއަދު މަފުށީ ޖަލުގެ އޮފިސަރަކަށް މާފުށިން ވަނީ ހަމަލާވެސް ދީފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިއަދު ކެމަރާތަށް ހުންން ގޮޅިތަކުގައި ކެމެރާތައް ވެސް ވަނީ ތަޅާލާފައެވެ. އަދި ބައެއް ގޮޅިތަކުގައި އަދިވެސް ހަތިޔާރު ހުރި ކަމައްވެއެވެ.

އެކާމާ ގުޅިގެން ކަރެކްޝަންސް އިން ޖަލު ބަލައި ފާސް ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށައިފައެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ގައިދީންނާ ހަވާލާދީ، އެ ގައިދީންގެ އާއިލާތަކުން ބުނެފައިވާ ގޮތުގައި، ގައިދީން ފަހަތަށް ބިޑި އަޅުވާ ކުރިމަތި ފަރާތާއި ފުރަގަސް ފަރާތަށް ޕެޕާ ސްޕްރޭ ޖަހައި މުގުން ތަޅާ އަނިޔާ ކުރި ކަމަށެވެ. ނަމަވެސް އެ ދަރަޖައަށް އަނިޔާ ކުރި ކަމަށް ކަރެކްޝަންސް އިން ދޮގު ކުރެ އެވެ.

ހަމަ ނުޖެހުންތަށް ތަހުގީގުކޮށް ނިމެންދެން ކަރެކްޝަންސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަކު ވަނީ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފަ އެވެ.