26 Oct 2011, 14:33
އިނގިރޭސި ކާލިންގް ކަޕުގެ ހަތަރު ވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން ޕްރެމިއާ ލީގުގެ ދެކުލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް އާއި އާސެނަލް މޮޅުވެ، ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ. ކުއާޓާ ފައިނަލުގެ ޖާގައެއް ރޭ ކަށަވަރު ކުރި އަނެއް ދެޓީމަކީ ކާޑިފް ސިޓީ އާއި ކްރިސްޓަލް ޕެލެސް އެވެ.
މެންޗެސްޓާ ޔުނައިޓެޑް ކުއާޓާ ފައިނަލަށް ދަތުރު ކުރީ އެލްޑާސޮޓް އަތުން ފަސޭހަ ކަމާއެކު މޮޅުވުމަށް ފަހުގައެވެ. މެޗުގެ ފަނަރަ ވަނަ މިނެޓުގައި މެންޔުނައިޓެޑަށް ލީޑު ހޯދައިދިނީ ޑިމިޓްރީ ބާބަޓޯވް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް މައިކަލް އޮވެން ވަނީ މެންޔުނައިޓެޑަށް ލީޑު ފުޅާ ކޮށްދީފަ އެވެ. ދެވެނަ ހާފު ފަށައިގެން ތިން މިނެޓް ފަހުން މެންޔުނައިޓެޑަށް ތިން ލަނޑުގެ ލީޑެއް ހޯދައިދިނީ އެންޓޯނިއޯ ވެލެންސިއާ އެވެ. މިމެޗު ނިމިގެންދިޔައީ 3-0 ލަނޑުން މެންޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
އާސެމަލް އަށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވީ ފަހަތުން އަރާ ބޮލްޓަން ވެންޑަރާސް މައްޗަށް ހޯދި ހަނި ކާމިޔާބީ އާއެކު އެވެ. މެޗުގެ ފުރަތަމަ ހާފި 0-0 ން އެއްވަރުވެ ނިމުނު ކަމުގައި ވިޔަސް ދެވަނަ ހާފުގައި ތިން ލަނޑު ފެނިގެން ދިޔައެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ތިން މިނެޓް ފަހުން ފެބްރީސޭ މުއަމްބާ ވަނީ ބޮލްޓަން އަށް ލީޑު ހޯދައދީފަ އެވެ. މެޗުގެ 53 ވަނަ މިނެޓުގައި އަންދުރޭ އަރުޝަވިން އާސެނަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިންތާ ތިން މިނެޓް ފަހުން ޕާކް ޗޫ ޔަންގް އެކުލަބަށް ލީޑު ހޯދައިދިނެވެ. މެޗު ނިމިގެންދިޔައީ 2-1 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.
ސައުތެމްޓަން ގެ މައްޗަށް ހޯދި ކާމިޔާބީ އާއެކު ކްރިސްޓަލް ޕެލެސް އަށް ވެސް ވަނީ ކުއާޓާ ގެ ޖާގައެއް ކަށަވަރުވެފަ އެވެ. މެޗުގެ 73 ވަނަ މިނެޓުގައި ޑަރެން އެމްބްރޯސް ކްރިސްޓަލް ޕެލެސް އަށް ލީޑު ހޯދައިދީފައި ވަނިކޮށް، މެޗުގެ 82 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ފުޅާކޮށްދިނީ ޖާމެން އީސްޓާ އެވެ. މިމެޗު ނިމިގެންދިޔައީ 2-0 ލަނޑުން ޕެލެސް ކުރީގައި އޮވެގެން ނެވެ.
ބާންލީ އަތުން ހޯދި ހަނި ކާމިޔާބީ އާއެކު ކާޑިފް ސިޓީ ވަނީ ކުއާޓާ އަށް ދަތުރު ކޮށްފައެވެ. މިމެޗު ނިމިގެންދިޔައީ މެޗުގެ 40 ވަނަ މިނެޓުގައި ޖޯ މަސަން ކާޑިފް އަށް ކާމިޔާބު ކޮށްދިން ހަމައެކަނި ލަނޑާއި އެކުއެވެ.
ކާލިންގް ކަޕުގައި މިރޭ ވެސް މުހިންމު މެޗުތަކެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ތިރީގައި އެވަނީ އެވެ.
23:45 : ސްޓޯކް ސިޓީ – ލިވަޕޫލް
23:45 : ވޮލްވާހެމްޓަން ވެންޑަރާސް – މެންޗެސްޓާ ސިޓީ
00:00 : ބްލެކްބާން ރޮވާސް – ނިއުކާސަލް ޔުނައިޓެޑް
00:00 : އެވަޓަން - ޗެލްސީ