23 Jun 2019, 13:06
މައިންބަފައިން ދަރިންގެ ކިބައިގައި ހުރި ގާބިލްކަން ފާހަގަކޮށް، ހުނަރު ފާހަގަކޮށް އެ ދާއިރާއާއިން ކުރިއަށް ދިޔުމަށް ފުރުސަތުދީ ހިއްވަރުދިނުމަށް ނައިބު ރައީސް ފައިސަލް ގޮވާލައްވައިފިއެވެ.
ދަރުބާރުގޭގައި "ހުނަރުވެނި 2019" އިފްތިތާހްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ގައުމު ކުރިއެރުވުމުގައި ޒުވާނުންގެ ރޯލު އިސް ކަމަށާއި ގިނަ ކަންތައްތަކެއް ދަސްކުރާ ބަޔަކަށް ޒުވާނުންވާންޖެހޭ ކަމަށެވެ.
"ވަކި ކަހަލަ މަސައްކަތަކީ ހުތުރު މަސައްކަތެއް ނޫން. ގައުމެއް ކުރިއަރާދަނީ ހުރިހާ ވައްތަރެއްގެ މަސައްކަތްތަކެއް ކުރެވިގެން. ހުރިހާ ޒާތެއްގެ މަސައްކަތްތަކެއް ކުރެވިގެން. އެހެންވީމާ ގަބޫލުކުރަން އެބަޖެހޭ ކޮންމެ މަސައްކަތަކީ ވެސް މުހިއްމު މަސައްކަތެއްކަން،"
"ހުނަރުވެނި 2019" ސްޓޯލެއް--- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކޮންމެ މަސައްކަތްތަކީވެސް ރީތި މަސައްކަތެއް ކަމަށާއި އެ ވިސްނުން ދިވެހި ޒުވާނުންނަށް ވިސްނައިދޭންޖެހޭ ކަމަށެވެ.
ވަށާޖެހޭ ތައުލީމް ތެރެއިން ދަރިވަރުންނަށް ގިނަ މަސައްކަތްތަކެއް ދަސްކޮށްދޭންޖެހޭ ކަމަށާއި އެކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ހުނަރުވެނި 2019"ކުރިއަށް ދާނީ މާދަމާގެ ނިޔަލަށް ދަރުބާރު ގޭގައެވެ.