ޒުވާނުންނަށް ކުރެވެން ހުރި ކަންތައްތައް ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް އެހެން ވިދާޅުވީ ދަރުބާރުގޭގައި "ހުނަރުވެނި 2019" ސްކިލް ޝޯ އިފްތިތާހްކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމެއްގައި އުފެދިފައިވާ ހުނަރުތައް، އެ ފަދަ މަސައްކަތްތެރިކަން ގައުމުގެ ޒުވާނުންގެ އަތްމަތިން ބީވެގެން ހިނގައްޖެ ނަމަ އެ ކަންތައްތައް މުޅިން ބަދަލުވެގެންދާނީ އެހެން ބައެއްގެ އަތްމައްޗަށް ކަމަށެވެ.

"ކޮންމެ ގައުމެއް ވެސް ކުރިއަރައިދާނީ ބޭރު މީހުންނާ އެކު. ބިދޭސީންނާ އެކު. އެހެންނަމަވެސް ޒުވާނުންނަށް ކުރެވެން ހުރި ކަންތައްތައް އެބައި މީހުންގެ މައްޗަށް ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން. ގައުމުގެ ހަޔާތް ގައުމުގެ ކުރިއެރުމަށް ރަނގަޅު ކަމެއް ނޫން،"

"ހުނަރުވެނި 2019"ގެ ސްޓޯލެއް---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒުވާނުންގެ ޝައުގުވެރިކަން އެ ކަންތައްތަކަށް ކުޑަވުމަކީ ގޮންޖެހުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޒުވާނުން ވަކި ވަޒީފާއެއްގައި ނޫޅޭތީ އެ މީހުން ކުށްވެރިކުރާ އުސޫލުން ވާހަކަ ނުދެއްކޭނެ ކަމަށާއި އެންމެންގެ ޒިންމާ އަދާކުރަން ޖެހޭ ކަމަށެވެ. ސަރުކާރެއްގެ ޒިންމާ ވެސް ސަރުކާރުން އަދާކުރަން ޖެހޭނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މީހުން ބިނާކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.

"ހުނަރުވެނި 2019"ގެ ސްޓޯލެއް---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އެކި ސަރައްހަދުތަކުގައި ހުނަރުވެރިން ގިނަ ކުރުމަށް ޓަކައި ފަންނުވެރިން އުފެއްދުމަށް ޓަކައި މަސައްކަތްތެރިންގެ މަސައްކަތްތައް އަތޮޅުތަކުގެ ތަރައްގީއަށް ލިބުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ އެ ސްކިލް ޝޯ އަކީ ޓިވެޓް އޮތޯރިޓީން އިންތިޒާމްކުރި ޝޯ އެކެވެ. އެ ޝޯ ކުރިއަށްދާނީ ދަރުބާރުގޭގަ އެވެ.