ހުވަދު އަތޮޅުގައި އަލަށް ހުޅުވާ ރިސޯޓެއްގައި ކެޝިނޯ (ޖުވާ ކުޅުމުގެ) ހުއްދަ ދިނުމަށް ސަރުކާރުން މަތީ ފެންވަރުގައި މަޝްވަރާތައް ބާއްވައިފި ކަމަށް އަދާލަތުން ތުހުމަތުކޮށްފި އެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ޢިލްމު ވެރިންގެ މަޖިލިހުގެ މެމްބަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ހުވަދު އަތޮޅުގައި އަލަށް ހުޅުވާ ރިސޯޓެއްގެ ވެރިފަރާތާއި ސަރުކާރާ ދެމެދު މިދިޔަ ހަފުތާގެ ތެރޭގައި މަޝްވަރާކުރި ކަމުގެ މަޢުލޫމާތު އެ ޕާޓީއަށް ލިބިފައިވާ ކަމަށެވެ.

ސަން އޮންލައިނުން ސުވާލު ކުރުމުން ވެސް އެއީ ގއ، ގދ. ގެ ކޮން ރިސޯޓެއް ކަމެއް އަދާލަތަކުން ނުބުންޏެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީއަށް ނިސްބަތް ކުރައްވާ ޝަހީމް ވިދާޅުވީ އަމިއްލަ ގޮތުން ވަޒީރުކަމުގައި ތިއްބެވި ބޭފުޅުން، ސަރުކާރުގެ އެ މަޝްވަރާތަކަށް ދެކޮޅު ހައްދާވަފައިވާ ކަމުގެ މަޢުލުމާތު ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
~
"އަޅުގަނޑު އެދެނީ ރާއްޖޭގެ ރައްޔިތުން މިކަމާމެދު ސަމާލުވެ ތިބުމަށް. ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި ކެސިނޯ [ޖުވާ] ކުޅުމުގެ ފުރުސަތު ދެއްވައިގެން ނުވާނެ. އަދި އެފަދަ މަގެއް ރާއްޖޭގައި ހުޅުވިގެން ދިޔަދީގެން ވެސް ނުވާނެ. އަދި އެކަމާ އިދިކޮޅަށް ކުރެވެން ހުރި މަސައްކަތްތަށް ހުރިހާ ލެވެލެއްގައި ވެސް ކުރެވެންވާނެ،" ކުރިން ސްޓޭޓް މިނިސްޓަރުކަން ކުރެއްވެވި ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް މަތީފަންތިއަށް ގެނެވިފައި ޖުވާކުޅުމުގެ ފުރުސަތު ދީގެން ނޫންކަމަށާއި، އެ ނޫން ކަންކަން ގާއިމްކޮށްގެން ވެސް ޓޫރިޒަމް ކުރިއަށް ގެންދެވިދާނެކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ޖުވާކުޅުމުގެ ހުއްދަ ނުދިނުމަށް ސަރުކާރަށާއި ރައީސް ނަޝީދަށް އަދާލަތުން މިއަދު ގޮވައިލި އެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ ޗައިނާގެ ކުންފުންޏަކުން ސަރުކާރަށް ޕްރޮޕޯސަލެއް ހުށަހެޅިއިރު ފައިދާގެ ބައިގެ ތެރޭގައި "ވަރަށް ކުޑަ މިންވަރަކަށް" ޖުވާގެ ބައި ހިމަނާފައިވާ ކަމަށާއި އެކަމާބެހޭ ގޮތުން ސަރުކާރުގެ މަތީ ފެންވަރުގައި ނުވަތަ ކެބިނެޓްގައި ވެސް މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.

"އެކަމަކު ކެބިނެޓަށް ހުށަހެޅުމުގެ ކުރިން ކުޑަ ކޮމެޓީއެއްގައި އެ ޕްރޮޕޯސަލާމެދު މަޝްވަރާކުރި، ކެބިނެޓްގައި އަދި މަތީ ފެންވަރުގައި ވެސް އެފަދަ މަޝްވަރާއެއް ނުކުރޭ، ޝައިހު ޝަހީމް އެވަނީ ކުޑަ ވެލިފުކެއް ބޮޑު ހިލައަކަށް ހައްދާފައިވާ، އެއީ ވަރަށް ބޮޑު އިތުރު ފުޅެއް. އެކަމާ ޝަހީމް މާފަށް އެދިވަޑައިގަންނަވަންޖެހޭނެ،" ޒުހައިރު ވިދާޅުވި އެވެ.

ކުޑަ މިންވަރަކަށް ނަމަވެސް ކެސިނޯ ހިމެނޭ ގޮތަށް ޕްރޮޕޯސަލެއް ހުށަހެޅީ ޗައިނާގެ ކޮން ކުންފުންނަކުން ކަމެއް ޒުހައިރު ވިދާޅެއް ނުވެއެވެ. އަދި އެއީ ރާއްޖޭގައި ހަދާ ކޮން ރިސޯޓަކާ ގުޅިފައިވާ ފަރާތެއް ކަމަށް ވެސް ވިދާޅެއް ނުވެއެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Shaheem (mp3)