23 Jun 2019, 11:53
މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމަށްފަހު ބައެއް ޔުނިޓްތަކުގައި ހުރި ސީސީޓީވީ ކެމެރާތައް ހަލާކުކޮށް ގައިދީންގެ ފަރާތުން އޮފިސަރުންނަށް އެކި ވަރުގެ 'ދުއްތުރާ' ކުރަމުންދާ ކަން އެނގިއްޖެ އެވެ.
މާފުށީ ޖަލުގައި ހަމަނުޖެހުން ފެށުނީ ގޮޅިއަށް ވެއްދުން މަނާ އެއްޗެއް ގެނެސްދިނުމަށް އޮފިސަރެއް އިންކާރު ކުރި ހިސާބުން އުފެދުނު ހިތް ހަމަނުޖެހުންތަކުގައި ގައިދީއަކު އިސްވެ އޮފިސަރަކަށް ހަމަލާ ދިނުމުން ކަމަށް ކަރެކްޝަނުން ވަނީ ބުނެފަ އެވެ. އެ ކަމާއި ގުޅިގެން އޮފިސަރުންނާއި ގައިދީންނާ ކުރިމަތިލުންތަކެއް ހިނގައި ހަ ގައިދީއަކަށް އެކި ވަރުގެ އަނިޔާ ލިބި ވަނީ ފަރުވާދީފަ އެވެ.
ހަމަ ނުޖެހުންތަކާއި ގުޅިގެން ޖަލުގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަކު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި އެ މައްސަލަތައް ކަރެކްޝަނުން އިތުރަށް ބަލަމުން އަންނައިރު ޖަލުގެ ހާލަތު ބެއްލެވުމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވެސް ވަނީ އިއްޔެ މާފުށީ ޖަލަށް ޒިޔާރަތް ކުރައްވާފަ އެވެ.
އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުމަށްފަހު މާފުށީ ޖަލުގެ ޔުނިޓް ދޭއްގައި ހުރި ހުރިހާ ކެމެރާތަކެއް ރޭ ވަނީ ތަޅާލާފަ އެވެ. އަދި ބައެއް ގައިދީންގެ ފަރާތުން އެކި ވަރުގެ ދުއްތުރާތައް ޖަލު އޮފިސަރުންނަށް ކުރަމުން އަންނަ ކަމަށް ވެސް ވަނީ އެނގިފަ އެވެ.
"ގައިދީންގެ ފަރާތުން ވަރަށް ގިނަ އުނދަގޫތައް އަންނަނީ ކުރިމަތިވަމުން. ބައެއް ގޮޅިތަކުން އޮފިސަރުންނާ ދިމާލަށް ހޫނު ފެނާއި މިރުސް ފެން ވެސް ވަނީ ޖަހާފައި. އޮފިސަރުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި،" މާފުށީ ޖަލުން 'ސަން'އާ ވާހަކަ ދެއްކި އޮފިސަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ކިޔައިދިނެވެ.
އޭނާ އިތުރަށް ބުނީ، ބުރާސްފަތި ދުވަހުގެ ހާދިސާއަށްފަހު ކަރެކްޝަނުން ވެސް ފެނިގެން ދަނީ ގައިދީންގެ ހިމާޔަތުގައި ފިޔަވަޅުތައް އަޅާ މަންޒަރު ކަމަށާއި އޮފިސަރުންގެ ހައްގުތަކަށް މާބޮޑު 'ފަރުވާލެއް' ނުބަހައްޓާ ކަމަށެވެ.
ޖަލުގެ ގޮޅިތަކުގައި ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވޭ ޒާތުގެ ދަގަނޑު ބުރިތައް ހުރި ކަމަށް ކޮމިޝަނާ އޮފް ޕްރިޒަން އަބްދުﷲ މުނާޒް ވެސް ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރެއިން ބައެއް ތަކެތި އަދިވެސް ނެރެވިފައި ނުވާ ކަމަށް އޮފިސަރަކު ބުންޏެވެ. އެހެން ކަމުން ގައިދީންގެ ފަރާތުން އިތުރު ހަމަލާތަކެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އޮތުމުން ގޮޅިތަކަށް ވަނުމަށް ވެސް ބައެއް އޮފިސަރުން ދެކޮޅު ހަދާ ކަން ވަނީ އެނގިފަ އެވެ.
"މިހާރު ވެސް ކެނޑިނޭޅި ގައިދީން ދެމުން އެބަދޭ މަރުގެ އިންޒާރު. އެ މީހުން މައިތިރި ކުރުމަށް މާ ބޮޑު މަސައްކަތްތަކެއް ކުރަމުންދާ ތަނެއް ނުފެނޭ،" އޮފިސަރަކު ބުންޏެވެ.