23 Jun 2019, 11:14
ކަރެކްޝަނަލް ސާވިސަސްގެ އޮފިސަރަކަށް މާފުށިން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
މާފުށީގައި މިދިޔަ ބުރާސްފަތި ދުވަހު އޮފިސަރުންނާއި ގައިދީންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ގައިދީންގެ ބޯ ތުނިކޮށް ކޮށައި، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް އިއްޔެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައިވެ އެވެ. ހަމަ ނުޖެހުންތަކާ ގުޅިގެން ބައެއް ގައިދީންނަށް މަރުގެ އިންޒާރު ދެމުން އަންނަ ކަމަށް "ސަން" އަށް ވަނީ އެނގިފަ އެވެ.
އެގޮތުން އިއްޔެ މާފުށިން ކަރެކްޝަންސްގެ އޮފިސަރަކަށް ފަސް ވަރަކަށް މީހުންގެ ގުރޫޕަކުން ހަމަލާ ދިން ކަމަށް "ސަން" ވަނީ މައުލޫމަތު ލިބިފަ އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، އެފަދަ ކަމެއް ރޭ ހިނގައިގެން އުޅޭ ކަމުގެ މައުލޫމަތު ލިބިފައިވާ ކަމަށާއި ނަމަވެސް އެކަމަކީ ބުރާސްފަތި ދުވަހުގެ ހަމަނުޖެހުންތަކާ ސީދާ ގުޅުމެއްވާ ކަމެއް ކަން އަދި ކަށަވަރު ނުވާ ކަމަށެވެ.
"އެ މައްސަލަ އަދި ރަސްމީކޮށް ހުށަހަޅާފައި ނުވުމުން މާ ބޮޑު ތަފްސީލެއް އަދި ނުބޭ. ނަމަވެސް އޮފިސަރަކަށް ރަށު ތެރެއިން [މާފުށިން] ރޭ ހަމަލާ ދިން ކަމުގެ މައުލޫމަތު ވަނީ ލިބިފައި،" ނަސީމް ވިދާޅުވި އެވެ.
އޮފިސަރަށް ހަމަލާދިފައިވާ ފޮޓޯތަށް "ސަން" އަށް ވަނީ ލިބިފަ އެވެ. އެގޮތުން ފޮޓޯ ތަކުން ފެންނަ ގޮތުގައި އޮފިސަރުގެ ކަނާތްފަރާތު ބުމަ ކައިރި ވަނީ ފަޅައިގެން ގޮސްފަ އެވެ. ބުމަ ކައިރި މިހާރު ފަހާފައި ހުރި އިރު، މޫނުގެ އެހެން ތަންތަންވެސް ދުޅަ ވެފައި ހުރިތަން ފެނެ އެވެ.
ހަމަ ނުޖެހުންތަކާ ގުޅިގެން ހުރިހާ އޮފިސަރުންވެސް ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގައި ކަން އެ އޮފިސަރުންނާ ހަވާލާދީ، އެ އޮފިސަރުންގެ އާއިލާތަކުން ވަނީ ބުނެފަ އެވެ.
ބައެއް އޮފިސަރުން މިއަދު ހެނދުނު ޑިއުޓީއަށް ނިކުންނަށް ދެކޮޅު ހެދިކަމަށް ވެސް ވަނީ އެނގިފަ އެވެ.
ހަމަނުޖެހުންތަކާ ގުޅިގެން އިއްޔެ ގައުމީ ސަލާމަތު ކޮމިޓީއަށް ޖަލުތަކުގެ ވެރިޔާ އަބްދުﷲ މުނާޒް ގެނެސް ސުވާލުކުރުމުން ވިދާޅުވީ، ޖަލަށް ވައްދަން މަނާ އެއްޗެއް ވައްދައިދިނުމަށް ޤައިދީއަކު އެދުމުން، އޮފިސަރު އެކަމަށް އިންކާރުކުރުމުން ކަމަށެވެ. އެއާއެކު އެ އޮފިސަރަށް 16 އިންޗީގެ ދަނގަޑުބުރިއަކުން އޮފިސަރަށް ހަމަލާދިން ކަމަށް މުނާޒު ވިދާޅުވި އެވެ.
ހަމަނުޖެހުންތަކާ ގުޅިގެން ގައިދީންނާ ހަވާލާދީ، އެ ގައިދީންގެ އާއިލާތަކުން ބުނެފައިވާ ގޮތުގައި، ގައިދީން ފަހަތަށް ބިޑި އަޅުވާ ކުރިމަތި ފަރާތާއި ފުރަގަސް ފަރާތަށް ޕެޕާ ސްޕްރޭ ޖަހައި މުގުން ތަޅާ އަނިޔާ ކުރި ކަމަށެވެ. ނަމަވެސް އެ ދަރަޖައަށް އަނިޔާ ކުރި ކަމަށް ކަރެކްޝަންސް އިން ދޮގު ކުރެ އެވެ.
ހަމަ ނުޖެހުންތަށް ތަހުގީގުކޮށް ނިމެންދެން ކަރެކްޝަންސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަކު ވަނީ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފަ އެވެ.