ޓްރެފިކް ގަވައިދާ ހިލާފުވެގެން މިދިޔަ ހަފްތާ 1،014 ވެހިކަލްގައި ސްޓިކާ ޖެހިކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

އެއް ހާހަށްވުރެ ގިނަ އުޅަނދުގައި ސްޓިކާ ޖެހިއިރު، ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ބައި މިލިއަނެއްހައި ރުފިޔާ ލިބޭނެއެވެ.

ސްޓިކާގެ ޖޫރިމަނާ ފައިސާ:

  • ފުރަތަމަ ފަހަރަށް: 250 ރުފިޔާ

  • ދެވަނަ ފަހަރަށް: 500 ރުފިޔާ
  • ތިން ވަނަ ފަހަރަށް: 750 ރުފިޔާ

އެ ގޮތުން މިދިޔަ ހަފްތާގެ ތެރޭގައި 1،014 އުޅަނދެއްގައި ސްޓިކާ ޖެހިއިރު، 500 ގެ ރޭޓުން ބަލާ ނަމަ އެއީ ޖޫރިމަނާގެ ގޮތުގައި ހަފްތާއެއްގެ ތެރޭ ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ. އެ ފައިސާ ދައްކަން ޖެހެނީ މީރާއަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވައުދުވެވަޑައިގަތީ، ޕާކިން މައްސަލައަށް ހައްލެއް ނުހޯދައި ސްޓިކާ ނުޖަހާނެ ކަމަށެވެ. އެ ވައުދާ އެއްގޮތަށް މިއަހަރު ފެށުނު އިރު ސްޓިކާ ޖެހުން ހުއްޓާލިއެވެ. ނަމަވެސް ހަމައެއް ލަމައެއް ނެތި ޕާކްކުރަން ފެށުމުން، ފެބުރުއަރީ މަހުގެ ފަހުކޮޅު އަލުން ސްޓިކާ ޖަހަން ފެށިއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ގެންދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ޒޯނުތައް ހަދަމުންނެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާ ފުލުހުން ވަނީ 467 އުޅަނދު ޗެކް ކޮށްފައެވެ. އޭގެ ތެރެއިން 146 އުޅަނދު ދުއްވީ ލައިސެންސް ނެތި ކަމަށް ފުލުހުން ބުންޏެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ކަނޑައަޅާފައިވާ ސްޕީޑު ލިމިޓަށްވުރެ ބާރަށް ދުއްވި 35 ވެހިކަލެއް އެ މުއްދަތުގައި ވަނީ ފާހަގަ ކުރެވިފައެވެ.

މާލެ ސަރަހައްދުގައި މިދިޔަ ހަފްތާ 42 އެކްސިޑެންޓެއް ހިނގިކަމަށް ފުލުހުންގެ ރިކޯޑުތަކުން ދައްކާއިރު އޭގެ ތެރެއިން ހަތަރު އެކްސިޑެންޓެއްގައި މީހުންނަށް ވަނީ އަނިޔާވެފައެވެ. މި އެކްސިޑެންޓުތަކާ ގުޅިގެން 18 މީހެއްގެ ލައިސެންސް ހިފެހެއްޓިއެވެ.

ޓްރެފިކް ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާ ތެރޭގައި ހެޑް ފޯނު އަޅައިގެން ނުވަތަ ފޯނުގައި އިނދެގެން އުޅަނދު ދުއްވި 33 މައްސަލައެއް ވަނީ ފާހަގަވެފައެވެ. ހެލްމެޓު އަޅަންޖެހޭ ސަރަހައްދުތަކުގައި ހެލްމެޓު ނާޅާ އުޅަނދު ދުއްވައިގެން ދެ މައްސަލައެއް ރެކޯޑުކޮށްފައި ވާއިރު ހުއްދަ ނުނަގައި ޓެކްސީ ހިދުމަތް ދިން ހަތަރު މައްސަލައެއް ވެސް ވަނީ ފާހަގަވެފައެވެ.