26 Oct 2011, 13:07
އަދުލުއިންސާފާ ދެކޮޅަށް ސަރުކާރުން އިސްވެ އޮވެ ހިންގާ ކަންތައްތަކާ ގުޅިގެން އަދާލަތު ޕާޓީން އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކުރުމަށް މިއަދު ނިންމައިފި އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ ވިދާޅުވީ އެ ޕާޓީގެ މަޝްވަރާ މަޖިލިހުން ފާސްކޮށްފައި ވަނީ ސަރުކާރުން އަދުލުއިންސާފުގެ ދާއިރާއާ ދެކޮޅަށް މިހާރު ހިންގަމުން ގެންދާ ހަރަކާތްތަކާ ދެކޮޅަށް އެ ޕާޓީ އިސްވެ އޮވެ، ހުރިހާ އިދިކޮޅު ފަރާތްތަކުން އެއްބަސްވާ ގޮތެއްގެ މަތިން އަދުލުއިންސާފުގެ ދާއިރާ ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމަށެވެ.
އެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް އެމްޑީޕީ ފިޔަވައި ސަރުކާރާ އިދިކޮޅަށް މަސައްކަތްކުރާ ހުރިހާ ޕާޓީތަކަށް ބައްދަލުވުމުގައި ބައިވެރިވުމަށް މިއަދު ސިޓީތައް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އަދާލަތުން ބުންޏެވެ.
ސިޔާސީ ޕާޓީތަކުގެ އިތުރަށް ސިފައިންނާއި ފުލުހުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަނާ އެކު ވެސް އެ މައްސަލާގައި ވާހަކަ ދައްކަން ވަނީ އަދާލަތުން ނިންމައިފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ މެމްބަރު މުހައްމަދު ޝަހީމް ވިދާޅުވީ ސުޕުރީމް ކޯޓުގައި މިވަގުތު މަސައްކަތް ކުރައްވާ ހުރިހާ ފަނޑިޔާރުންނަކީ މިވަގުތު ރާއްޖޭގައި ތިއްބެވި އެންމެ ގާބިލް ފަނޑިޔާރުން ކަމަށް އެ ޕާޓީން ގަބޫލު ކުރާ ކަމަށެވެ.
އަދި އިތުރަށް ވިދާޅުވީ އަދުލު އިންސާފުގެ ނިޒާމް އަގުވައްޓާލަން މިހާރުކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓުވައި އެތަން ދިފާއުކުރުމަށް ރާއްޖޭގެ އެކިކަންކޮޅުގައި އަޑުއުފުލަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރުމަށް ތައްޔާރަށް ތިއްބެވި ކަމުގައި ޝަހީމް ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ގޮވާލަނީ އެ ބޭފުޅުންނަށް އިހުތިރާމްކޮށް އެ ބޭފުޅުންގެ ޝަރަފް ދަމަހައްޓާ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ހިމާޔަތްކުރުމުގެ އެންމެ މުހިންމު މުއައްސަސާ އަކީ އެތަންކަމުން އެތަނުގެ ޝަރަފް ދެމެހެއްޓުމަށް ޓަކައި އެތަން އިސްލާހުކުރަން ޖެހިއްޖެ ހާލަތުގައި ވެސް އެކަން ކުރުމަށް އަދާލަތު ޕާޓީގެ ފަރާތުން ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރާނަން،" ޝަހީމް ވިދާޅު ވިއެވެ.
ޖުޑީސަރީއާ ދެކޮޅަށް އެމްޑީޕީން ކުރިއަށްގެންދާ ހަރާތްކަތުން ޖުޑީޝަރީ ސަލާމަތްކުރުމަށް މުޒާހަރާއަކަށް ނުކުންނަން ޖެހިއްޖެ ނަމަ އަދާލަތު ޕާޓިން ގެންގުޅޭ ހަމަތަކާއި އިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ސިޔާސީ ޕާޓީތަކާ އެކު ކުރެވޭ މަޝްވާރާގެ ނިންމުމާ އެއްގޮތަށް މުޒާހަރާއަކަށް ދިއުމަކީ ކުރާނެ ކަމެއް ކަމަށް އަދާލަތުގެ ރައީސް އިމުރާން ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: