23 Jun 2019, 09:10
ބަހުރެއިނުގެ ގަލްފް އެއާ އިން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
ގަލްފް އެއާ އިން ބުނީ އަންނަ އޮކްޓޯބަރު މަހުގެ 26 އިން ފެށިގެން އެ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށާނެ ކަމަށާއި ހަފްތާ އަކު ފަސް ފްލައިޓު ބާއްވާނެ ކަމަށެވެ.
ގަލްފް އެއާ އިން މިއަހަރު އުދުހެންފަށާ ތިންވަނަ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހަމަޖައްސާފައިވާއިރު، އެ އެއާލައިނުން ވަނީ އޭ320ނިއޯ ފްލައިޓެއް އެއާލައިނުގެ ފްލީޓަށް އިތުރުކޮށްފަ އެވެ.
ގަލްފް އެއާ އިން އިތުރު ޑެސްޓިނޭޝަންތަކަށް އުދުހެން ފަށަން ތައްޔާރުވެފައިވާއިރު 2023 އަންނައިރު އެ އެއާލައިނުގެ ފްލީޓަށް އޭ320ނިއޯގ 12 ފްލައިޓު އިތުރު ކުރާނެ އެވެ.
އޭނި320ނިއޯ އަކީ އޭ320 އެއާކްރާފްޓް އާއިލާގެ އެންމެ ފިއުލް އެފިޝިއެންޓް އުޅަނދެވެ.
ބަހްރެއިންގެ ގަލްފް އެއާގެ އުދުހުންތައް ރާއްޖެއަށް ފަށާއިރު ނިމިގެންދިޔަ ޕާޓްނާޝިޕް ފޯރަމުގައި ބައިވެރިވެ ވަޑައިގެންނެވި ބަހްރެއިނު ސަރުކާރުގެ އޮފިޝަލަކު ވަނީ ރާއްޖޭގައި އިންވެސްޓު ކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
މެދުއިރުމަތީގެ ގައުމުތަކުން މިހާރުވެސް ރާއްޖެއަށް ގިނަ ފްލައިޓުތަކެއް ބާއްވައެވެ. އޭގެ ތެރޭގައި ޔޫއޭއީގެ އިއްތިހާދު އެއާވޭސް އާއި އެމިރޭޓްސްގެ އިތުރުން ގަތަރު އެއާވޭސް ހިމެނެ އެވެ. މި އެއާލައިނުތަކަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އުފުލާ އެއާލައިނުތައްވެސް މެއެވެ.
ބަހުރެއިނުގެ ގަލްފް އެއާ އިން ރާއްޖެއަށް އުދުހުންތައް ފެށުމަކީ މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިންވެސް އިތުރުވާނެ ކަމެކެވެ. މިއަހަރުގެ މެއި މަހުގެ ނިޔަލަސް މެދުއިތުމަތިން 19،994 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އެވެ.