22 Jun 2019, 23:09
މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަ ނުޖެހުމުގައި ގައިދީންނަށް އަނިޔާކުރި އޮފިސަރުން އަދި އެނގިފައި ނުވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަބްދުﷲ މުނާޒް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ކަންތައްތަކާއި ބެހޭ ކޮމިޓީއަށް މުނާޒް ހާޒިރުކޮށް މެންބަރުކުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުނާޒް ވިދާޅުވީ، އެފަދަ ހާލަތްތަކުގައި އެންމެ ފުރަތަމަ ޒިންމާ ނަގަން ޖެހޭނީ އޮޕަރޭޝަނަކަށް ދާ ކޮމާންޑަރު ކަމަށެވެ.
އެ މައްސަލައިގަ ވެސް ކޮމާންޑަރު ސަސްޕެންޑް ކުރީ، ގައިދީންނަށް އަނިޔާކުރި އޮފިސަރުން އައިޑެންޓިފައި ނުކުރެވުމުން ކަމަށެވެ. އަދި އޭނަ ހުށަހެޅި ރިޕޯޓްގައި އެއީ ގަވާއިދާ ހިލާފް ކަމެކޭ އެކަން ނުކުރާށޭ ބުނެ ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް އޭނާގެ ބަދަލުގައި އެކަން ކުރި އޮފިސަރުގެ މައްސަލަ ފުރަތަމަ ބަލާނެ ކަމަށް މުނާޒް ވިދާޅުވި އެވެ.
މާފުށީ ޖަލުގައި އަނިޔާކުރި މައްސަލާގައި ކަން ހިނގައި ދިޔަ ގޮތް ސާފު ކުރުމަށް ކޮމިޝަނަރު އޮފް ޕްރިޒަން އަބްދުﷲ މުނާޒް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ކަންތައްތަކާއި ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ކޮންބައެއްތޯ މިކަން ކުރީ ބެލުމަށްޓަކައި ފުރަތަމަ ކަމަކަށް އެ ކޮމާންޑަރު އެއްކައިރި ކުރީ. ދެންތިބި ވަކި މީހަކު އަދި އައިޑެންޓިފައި ނުވޭ. މިއަދު އިރުއޮއްސުނު ފަހުން އަޅުގަނޑު އިންސްޕެކްޓާރ ޖެނަރަލް ކުރެން އަހައިލިން އެއްވެސް އޮފިސަރަކު ފާހަގަކުރެއްވެއްޖެތޯ އަނިޔާ ކުރި. ވިދާޅުވި އަދި ފާހަގަ އެއް ނުކުރެވެއޭ،" މުނާޒް ވިދާޅުވި އެވެ.
އަނިޔާކުރީ ވަކި އޮފިސަރެއް ކަމަށް ބުނި ނަމަ އެ މީހަކު ވަގުތުން އެއްފަރާތް ކޮށްލާނެ ކަމަށް ވެސް މުނާޒް ވިދާޅުވި އެވެ.