22 Jun 2019, 22:31
މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގީ، ގޮޅިއަށް ވެއްދުން މަނާ އެއްޗެއް ގެނެސްދިނުމަށް ގައިދީއަކު އެދުމުން އެކަމަށް ޖަލު އޮފިސަރު ދެކޮޅު ހެދުމުން ކަމަށް ކޮމިޝަނާ އޮފް ޕްރިޒަން އަބްދުﷲ މުނާޒް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ކަންތައްތަކާ ބެހޭ ކޮމިޓީއަށް މިރޭ މުނާޒް ހާޒިރު ކުރުމުން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ގައިދީންތަކަކާއި ޕްރިޒަން އޮފިސަރުންނާ ހަމަނުޖެހުން ހިންގި މައްސަލަ ބަލަމުން އަންނަ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެކަން ހިނގާފައި ވަނީ ގައިދީ އަކު އިސްވެ އޮފިސަރަކަށް ހަމަލާ ދިނުމުން ކަމަށެވެ.
"މިކަން ދިމާވި ގޮތަކީ އޮފިސަރު ކުރެން ގޮޅީގައި ހުރި ގައިދީއަކު އެދުނީ ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސް ދޭން. ބުނީމަ އެ އޮފިސަރު ބުނީ ތިމަންނަ އެކަމެއް ނުކުރާނަމޭ. މިވަނެ އެވަނި މީހަކު ވެސް ގެނެސްދެއޭ ބުނީމަ. ތިމަންނަ އެއް ނުކުރާނަމޭ. އެހެން ބުނީމަ ރުޅި އައިސްގެން ޖެހީ ކަމަށް ވަނީ،" އޮފިސަރު ކިޔައިދިނީ އެ ގޮތަށް ކަމަށް މުނާޒް ވިދާޅުވި އެވެ.
އެކަމާއި ގުޅިގެން އެ ގައިދީއާ ސުވާލު ކުރުމުން އޭނާ ބުނީ އެހެން އޮފިސަރުން ވެސް ގެނެސްދޭ އެއްޗެއް ގެނެސްދިނުމަށް އެދުމުން އެކަމަށް އޭނާ ދެކޮޅު ހެދުމުން ރުޅި އައީ ކަމަށާއި އޮފިސަރުގެ ވާހަކަތަކުން ވެސް ހިތް ހަމަ ނުޖެހުނީ ކަމަށެވެ.
"އެ ތަހުގީގް ނިމުނީމަ ނޫނީ ވީ ގޮތެއް ނޭންގޭނެ. ޔަގީންވާ ގޮތަކީ ގައިދީ އެބަ އެއްބަސްވޭ އޮފިސަރުގައިގައި ޖެހި ކަމަށް،" މުނާޒް ވިދާޅުވި އެވެ.
ހަމަ ނުޖެހުމުގައި ހަ ގައިދީންނަށް އަނިޔާ ވެގެން ފަރުވާ ދިން ކަން މުނާޒް ފާހަގަ ކުރެއްވި އެވެ.