މާފުށީ ޖަލުގައި އަނިޔާކުރި މައްސަލާގައި ކަން ހިނގާ ދިޔަ ގޮތް ސާފު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ކަންތައްތަކާއި ބެހޭ ކޮމިޓީއަށް މިރޭ ހާޒިރު ކުރުމަށް ނިންމާފައި އޮތް ނަމަވެސް ކޮމެޓީއަށް ވަޑައިނުގަތް ގދ. ތިނަދޫއަށް ވަޑައިގެންފި އެވެ.

އެމައްސަލާގައި މިއަދު ގައުމީ ސަލާމަތު ކޮމިޓިން ބޭއްވި ބައްދަލުވުމުގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވީ، ހޯމް މިނިސްޓަރުގެ އިތުރުން ޕްރިޒަންސް ކޮމިޝަނަރު އެ ކޮމިޓީއަށް ހާޒިރު ކުރުމަށެވެ. އެގޮތަށް ފާސްކުރީ ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ރޭގަނޑު 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ ކޮމެޓީ ބައްދަލުވުން ފެށުމުގެ ކުރިން، ހަތެއް ޖަހާލިއިރު ހޯމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، ތިނަދޫގައި މާދަމާ ފަށާ އިންޓަ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތަށް މިނިސްޓަރު އެ ރަށަށް ވަޑައިގެންފައިވާ ކަމަށެވެ.

މިރޭގެ ކޮމެޓީ ބައްދަލުވުން ފެއްޓެވުމަށްފަހު އެ ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، 'ކުއްލި ސަބަބަކާ ހުރެ މިނިސްޓަރަށް ވަޑައިގެންނެވެން ނެތް ވާހަކަ ދެންމެ އަންގަވާފައިވާ" ކަމަށެވެ.

މިނިސްޓަރު އިމްރާން ކޮމެޓީއަށް ވަޑައިނުގަތް ނަމަވެސް ކޮމިޝަނަރު އޮފް ޕްރިޒަން އަބްދުﷲ މުނާޒް ވަނީ އެ ކޮމެޓީ ބައްދަލުވުމަށް ވަޑައިގެންފަ އެވެ.