"ކުށެއްކޮށްފި" ކަމަށް ތުހުމަތު ކޮށް ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ދަށުން އަދި ކޯޓަށް ހާޒިރު ނުކުރެވޭ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށުގައި ނުބައިތިބާ ގޮތަށް ނިންމައި ފުލުހުން ހައްޔަރުކޮށްފައިވާ 11 މީހަކު މިއަދު ދޫކޮށްލައިފި އެވެ.

ޣައްސާނު މައުމޫން ހައްޔަރު ކުރި މައްސަލައިގައި އޮކްޓޫބަރު 24، 2011 އިގައި ކްރިމިނަލް ކޯޓުން ނިންމި ނިންމާބެހޭ ގޮތިން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ކްރިމިނަލް ކޯޓުން އެ ގޮތަށް ނިންމެވި ނަމަވެސް ސްޕްރީމް ކޯޓުގެ 19 އަދި 20 ނަމްބަރު ގަޒިއްޔާ ޖުލައި 20 20، 2010ގައި ނެރުނު ފަހުން ވީ އެއް އަހަރަށްވުރެ ގިނަ މުއްދަތުގެ ތެރޭގައި ފުލުހުން އެކި މައްސަލަތަކުގައި ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ކޯޓަށް ހާޒިރު ކުރި ފަރާތްތަކާމެދު ކޯޓްތަކުން ހުކުމްތައް ކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގެ ކުރިން ވެސް ޢަމަލު ކުރަމުން އައީ ޖިނާއީ އިޖުރާތުގެ އުސޫލާ އެއްގޮތަށް ކަމަށެވެ.

ފުލުހުންގެ އެ ބަޔާނުގައި ބުނެ އެވެ: "... އޮކްޓޯބަރު 24، 2011 ގައި ޣައްސާނު މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވަނީ ޤާނޫނު އަސާސީގެ 46 ވަނަ މާއްދާއަށް ޢަމަލު ކުރުމުގައި ސްޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން ކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި ގުޅިގެން އެނޫން ޤާނޫނީ ހަމައެއް ކަނޑައެޅެންދެން މީހުން ހައްޔަރުކޮށް ކޯޓަށް ހާޟިރުކުރުމުގައި ޤާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބުނެފައިވާ ހާލަތުގެ ތެރެއިން "ކުށެއްކޮށްފި" ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރެވިފައި، ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ދަށުން އަދި ކޯޓަށް ހާޟިރު ނުކުރެވޭ ފަރާތްތައް އިތުރަށް މިސަރވިސްގެ ބެލުމުގެ ދަށުގައި ނުބައިތިއްބާގޮތަށް ހަމަޖައްސައިފީމެވެ،"

އަދި ބުނަނީ އެގޮތުން ފުލުހުން ނިންމުމާއެކު ފުލުހުންގެ ބެލުމުގެދަށުގައި ތިބި 11 މީހަކު މިއަދު ދޫކޮށްލައި ފައިވާ ކަމަށާއި އެގޮތަށް ޢަމަލުކޮށްފައިވަނީ ހަމަހަމަ ކަމާއެކު ޝަރީއަތުގެ ޙުކުމަށް ޢަމަލުކުރުމަށާއި ދިމާވެފައިވާ ދުސްތޫރީ މައްސަލައަށް ހައްލެއް ހޯދުމުގެ ކުރިން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ކަމަށެވެ.

ފުލުހުން މިއަދު 11 މީހަކު ދޫކޮށްލި ނަމަވެސް ކުށުގެ ވެށިން ހައްޔަރު ކުރި މީހުންނާއި ކުށްކުރުމުގެ ތެރޭގައި ހައްޔަރު ކުރި މީހުން އޭގެ ތެރެއަކު ނުހިމެނެ އެވެ.

ފުލުހުން މިގޮތަށް ނިންމާފައިވާއިރު ކްރިމިނަލް ކޯޓުން ފަސް ދުވަހަށް ބަންދުގެ މުއްދަތު ޖަހައިދީފައިވާ ބަޔަކު، ފުލުހުން ދޫކޮށްލި ކަމަށް ބުނެ އާންމު ފަރާތަކުން އެ ކޯޓަށް ޝަކުވާ ހުށަހެޅުމުން ފުލުހުންގެ ކަމަބެހޭ ބޭފުޅަކު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

މި އަމުރުގައި ބުނަނީ މިއަދު 11:00 އިގެ ކުރިން، މިކަންކަމާ ގުޅިގެން ކޯޓަށް ޖަވާބުދާރީވުމަށް ފުލުހުންގެ ކަމާބެހޭ ފަރާތެއް ކޯޓަށް ހާޒިރުވާން އަމުރު ކުރާ ކަމަށެވެ.