މާފުށީ ޖަލުގައި އަނިޔާކުރި މައްސަލާގައި ކަން ހިނގާ ދިޔަ ގޮތް ސާފު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނަރު އޮފް ޕްރިޒަން އެބްދުﷲ މުނާޒް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ކަންތައްތަކާއި ބެހޭ ކޮމިޓީއަށް މިރޭ ހާޒިރު ކުރަން ނިންމައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގައިދީއަކު ޖަލުގެ އޮފިސަރަކަށް ހަމަލާދިނުމުން އޭގެ ބަދަލެއްގެ ގޮތުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް ޖަލު އޮފިސަރުން ވަނީ ގައިދީންއަށް އަނިޔާކޮށްފަ އެވެ.

އެމައްސަލާގައި މިއަދު ގައުމީ ސަލާމަތު ކޮމިޓިން ބޭއްވި ބައްދަލުވުމުގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވީ ޕްރިޒަންސް ކޮމިޝަނަރު އަދި ހޯމް މިނިސްޓަރު އެ ކޮމިޓީއަށް ހާޒިރު ކުރުމަށެވެ. އެގޮތަށް ފާސްކުރީ ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ މުގައްރިރު އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ ގައުމީ ސަލާމަތާ ކޮމިޓީން ބަލަން ބޭނުންވަނީ ޖަލުގައި އަނިޔާ ކުރި މައްސަލައާ ގުޅިގެން ހޯމް މިނިސްޓްރީ އަދި ކަރެކްޝަނަލް ސާވިސްއިން އެބޭފުޅުންގެ ޒިންމާ އަދާ ކުރިތޯ ނޫންތޯ ކަމަށެވެ. މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީންވެސް މިއަދު ވަނީ ޖަލުގައި އަނިޔާ ކުރި މައްސަލައާ ގުޅިގެން ކަމާ ގުޅުން ހުރި މުއައްސަސާތައް އެ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމާފަ އެވެ.

ހިއުމަން ރައިޓްސް ކޮމިޓީން އެބޭފުޅުން ހާޒިރު ކުރަން ނިންމާފައި އޮތުމުން ކެނދިކުޅޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޓީއަށް ކަމާ ގުޅުން ހުރި ފަރާތްތައް ހާޒިރު ކުރާތީ ގައުމީ ސަލާމަތު ކޮމިޓީއަށް އިމްރާނާއި މުނާޒް ހާޒިރު ކުރުން މަޑު ޖައްސާލުން ރަނގަޅު ކަމަށެވެ. އެކަމަކު އެގޮތަށް ކޮމިޓީއަށް އެއްބަހެއް ނުވެވުނެވެ.

ހިއުމަން ރައިޓްސް ކޮމިޓީއަށް ކަމާ ގުޅުން ހުރި ފަރާތްތައް ހާޒިރުކުރާ ވަކި ދުވަހެއް އަދި ގަޑިއެއްވެސް ސާފެއް ނުވެ އެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓްރީއިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، މާފުށީ ޖަލުގައި ހިނގި އެ ހާދިސާއާ ގުޅިގެން ޖަލުގެ އަޮފިސަރުންތަކެއް ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް ގައިދީންއަށް އަނިޔާކުރި ކުރުން އެއްވެސް ވަރަކަށް ސަރުކާރުން ބަލައި ނުގަންނަ ކަމަށާއި އެ އަމަލުތައް ކުށްވެރި ކުރާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރަން ޖެހޭ އެންމެހާ ތަހުގީގުތައްކޮށް އިހުމާލުވާ އެންމެހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ހޯމް މިނިސްޓްރީ އިން ބުންޏެވެ.

"... މިފަދަ އަމަލުތައް އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް ޓަކައި ޖަލުގެ އިންތިޒާމުތަކަށް ގެންނަންވާ ބަދަލުތައް ސަރުކާރުން ގެންނާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ

ޖަލުގައި ތިބި ގައިދީންނާ ހަވާލާދީ އާއިލާތަކުން ބުނާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހަމަނުޖެހުމަށް ފަހު، ޖަލުގެ ބައެއް އޮފިސަރުން ވަނީ ގައިދީންތަކެއް ޖަލު ގޮޅިތަކުން ނެރެ ބޯ ބާލައި، ކުރިމަތި ފަރާތަށް ޕެޕާ ސްޕްރޭ ޖަހައި މުގުރުން ތަޅައި އެހެން ވެސް އަނިޔާތައް ކޮށްފަ އެވެ.

ގައިދީންގެ ބޯ ބޭލުން ފަދަ ކަމެއް ކޮށްފައި ނުވާ ކަމަށް ކަރެކްޝަނަލް ސާވިސަސްއިން ބުނެފައިވެ އެވެ. ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ ގައިދީންގެ ބޯ ނުވެއް ބާލާ ކަމަށާއި އެހެންނަމަވެސް ބޯ ތުނިކޮށް ކޮށާފައި ހުރި ކަމަށެވެ. ކަރެކްޝަނަލް ސާވިސްއިން ދޮގު ހެދީ ކީއްވެތޯ ސުވާލު ކުރުމުން އިމްރާން ވިދާޅުވީ އޭގެ ސަބަބެއް ނޭންގޭ ކަމަށެވެ.