22 Jun 2019, 15:07
މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ގައިދީންގެ ބޯ ތުނިކޮށް ކޮށިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މިނިސްޓަރު އިމްރާން މިއަދު ވަނީ، ޖަލުގެ ހާލަތު ބައްލަވާލެއްވުމަށް ޖަލަށް ޒިޔާރާތްކުރައްވައިފަ އެވެ.
މާލެ ވަޑައިގެން ތިން ނަންބަރު ފާލަމުގައި ހުންނަވާ ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، އެމަޖެންސީ ހާލަތްތަކުގައި މިހާތަނަށް ގައިދީން "ބަސް ނޭހުމުން" ބޯ ތުނިކޮށް ކޮށާ ކަމަށާއި ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުންތަކުގައިވެސް ގައިދީންގެ ބޯ ތުނިކޮށް ކޮށި ކަމަށެވެ. އަދި އެއީ އެކަން ވެގެން ވާނެ ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގައިދީންގެ ބޯ ބޭލި ކަމަށް ފެތުރުނު ވާހަކަތައް އިއްޔެ ކަރެކްޝަންސް އިން ވަނީ ދޮގުކޮށްފަ އެވެ. އެކަމާ ގުޅިގެން އިމްރާންއާ ސުވާލު ކުރުމުން ވިދާޅުވީ؛ "އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނޭނގެ ކަރެކްޝަންސްއިން ދޮގުކުރަންޔާ އެ ދޮގު ކުރަނީ ކީއްވެ ކަމެއް. ގައިދީންގެ ބޯ ނުއެއް ބާލާ. ނަމަވެސް ވަރަށް ތުނިކޮށް ކޮށާފައި ހުރި،" ކަމަށެވެ.
އިމްރާން ވިދާޅުވީ، ހަމަނުޖެހުން ފެށުނީ ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާ ދިނުމުން ކަމަށާއި އޭގެ ނަތީއްޖާއެއްގެ ގޮތުން ހަ ގައިދީއަކަށް އަނިޔާވި ކަމަށެވެ.
"ހާލަތު ކޮންޓްރޯލް ކުރުމުގައި ބާރުގެ ބޭނުން ހިފަން ނުޖެހޭ މިންވަރަށް ބާރުގެ ބޭނުން ކުރި ކަން އަޅުގަނޑުމެން ގަބޫލު ކުރަން. އޭގެ ނަތީއްޖާއެއްގެ ގޮތުން ހަ ގައިދީއަކަށް އެކި ވަރުގެ އަނިޔާ ލިބިފައި އެބަހުރި،" އިމްރާން ވިދާޅުވި އެވެ.
ހާލަތާ ނުބައްދަލު ބާރަކީ ކޮބާތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އިމްރާން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އިތުރަށް އެއްޗެއް ދެންނެވޭނީ، ތަހުގީގަށް ފަހު ކަމަށެވެ. އަދި ތަހުގީގު ކުރަމަށް ފަހު، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
ބައެއް ގައިދީންނަށް ފަރުވާ ދިނުން ލަސްވުމާ ގުޅޭ ގޮތުން އިމްރާން ވިދާޅުވީ، ބައެއް ގައިދީންގެ ފަރުވާ ދިނުން ލަސްވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް މިހާރު ގައިދީންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް އަންގާފައިވާނެ ކަމަށެވެ.
ގައިދީން އިއްޔެ ޖަލުގައި ހަޅުތާލު ކުރި ކަމަށް ވެސް "ސަން" އަށް ވަނީ ކަށަވަރު ވެފަ އެވެ. އެކަމާ ގުޅިގެން ސުވާލު ކުރުމުން ޖަވާބު ނުދެއްވާ އިމްރާން ނޫސްވެރިންގެ ބައްދަލުވުން ނިންމާލެއްވި އެވެ.
ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަކު ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ބައެއް ގައިދީންގެ ގޮޅިން ގައިދީން ނެރެ ފުރަގަހަށް ބިޑިއަޅުވައި މުގުރުން ތަޅައި އަނިޔާކޮށް، ފުރަގަސް ފަރާތާއި ކުރިމަތި ފަރާތައް ޕެޕާ ސްޕްރޭ ޖެހިއެވެ. ބައެއް ގައިދީންގެ އަންނައުނު ވެސް ވީދާލި ކަމަށް ވެ އެވެ.
ޖަލުގައި ހިނގި ހަމަނުޖެހުންތަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޝަން އަދި ގައުމީ ސަލާތަލާ ބެހޭ ކޮމިޓީންވެސް ބެލުމަށް ވަނީ ނިންމާފައެވެ. އަދި އޭގެ އިތުރުން ހަމަނުޖެހުންތަށް ތަހުގީގު ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ މީގެ ކުރިން ބުނެފައެެވެ.