މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަކު ސަސްޕެންޑްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މިނިސްޓަރު އިމްރާން މިއަދު ވަނީ، ޖަލުގެ ހާލަތު ބައްލަވާލެއްވުމަށް ޖަލަށް ޒިޔާރާތްކޮށްފަ އެވެ.

މާލެ ވަޑައިގެން ތިން ނަންބަރު ފާލަމުގައި ހުންނަވާ ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ، ކޮމާންޑަރު ސަސްޕެންޑް ކުރީ ހަމަނުޖެހުންތަކާ ގުޅިގެން ކުރަމުންދާ ތަހުގީގު ބަލައި ނިމެންދެން ވަގުތީ ގޮތުން ކަމަށެވެ. ކޮމާންޑަރުގެ ނަމެއް އިމްރާން ވިދާޅެއް ނުވެ އެވެ.

އިމްރާން ވިދާޅުވީ، ހަމަނުޖެހުން ފެށުނީ ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާ ދިނުމުން ކަމަށާއި އޭގެ ނަތީއްޖޭއްގެ ގޮތުން ހަ ގައިދީއަކަށް އަނިޔާވި ކަމަށެވެ.

"ހާލަތު ކޮންޓްރޯލް ކުރުމުގައި ބާރުގެ ބޭނުން ހިފަން ނުޖެހޭ މިންވަރަށް ބާރުގެ ބޭނުން ކުރި ކަން އަޅުގަނޑުމެން ގަބޫލު ކުރަން. އޭގެ ނަތީއްޖާއެއްގެ ގޮތުން ހަ ގައިދީއަކަށް އެކި ވަރުގެ އަނިޔާ ލިބިފައި އެބަހުރި،" އިމްރާން ވިދާޅުވި އެވެ.

ހާލަތާ ނުބައްދަލު ބާރަކީ ކޮބާތޯ ނޫސްވެރިއަކު ސުވާލު ކުރުމުންއިމްރާން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އިތުރަށް އެއްޗެއް ދެންނެވޭނީ، ތަހުގީގަށް ފަހު ކަމަށެވެ. އަދި ތަހުގީގު ކުރަމަށް ފަހު، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"ގައިވާއިދުގައި ބަޔާންކޮށްފައިވޭ، ހާލަތެއް ކޮންޓްރޯލް ކުރުމުގައި ބޭނުން ކުރަންވާނީ އެންމެ މިނިމަން ފޯސްއޭ. ބޭނުން ކުރެވޭ މިންވަރަށް ވުރެ ގިނައިން ޕެޕާ ސްޕްރޭއެއް ބޭނުން ކުރި ނަމަވެސް މާނަ ކުރަން ޖެހޭނީ، ހާލަތާ ނުބައްދަލު ބާރު ކަމަށް. ބީޑި އަޅުވަން ނުޖެހޭ ގޮތަށް ބިޑި އެޅުވިޔަސް އެގޮތަށް މާނަ ކުރެވޭނީ. އެކަހަލަ ކަންކަން އެބުހުރި ފާހަގަ ވެފައި. އޭގެ ޑީޓެއިލްސް ތަހުގީގަށް ފަހު ދޭނަން،" އިމްރާން ވިދާޅުވި އެވެ.

ބައެއް ގައިދީންނަށް ފަރުވާ ދިނުން ލަސްވުމާ ގުޅޭ ގޮތުން އިމްރާން ވިދާޅުވީ، ބައެއް ގައިދީންގެ ފަރުވާ ދިނުން ލަސްވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު ގައިދީންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބައެއް ގައިދީންގެ ބޯ ބޭލި ކަމަށް ދެކެވޭ ވާހަކަ ތަކާ ގުޅިގެން އިމްރާން ވިދާޅުވީ، ބައެއް ގައިދީންގެ "ބޯ ތުނިކޮށް، ވަރަށް ތުނިކޮށް ކޮށި" ކަމަށެވެ. ގައިދީންގެ ބޯ ބޭލި ކަމަށް ދެކެވުނު ވާހަކަ ކަރެކްޝަންސް އިއްޔެ ދޮގު ކުރި އެވެ.

އެނގިފައިވާ ގޮތުގައި ބައެއް ގައިދީން އެ މީހުން ތިބި ގޮޅިން ނެރެ ފުރަގަހަށް ބިޑިއަޅުވައި މުގުރުން ތަޅައި އަނިޔާކޮށް، ފުރަގަސް ފަރާތާއި ކުރިމަތި ފަރާތައް ޕެޕާ ސްޕްރޭ ޖެހިއެވެ. ބައެއް ގައިދީންގެ އަންނައުނު ވެސް ވީދާލި ކަމަށް ވެ އެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޝަން އަދި ގައުމީ ސަލާތަލާ ބެހޭ ކޮމިޓީންވެސް ބެލުމަށް ވަނީ ނިންމާފައެވެ. އަދި އޭގެ އިތުރުން ހަމަނުޖެހުންތަށް ތަހުގީގު ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ މީގެ ކުރިން ބުނެފައެެވެ.