22 Jun 2019, 15:04
ކޮލަންބޯ (ޖޫން 22) : މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ޙަމަލާތަކާ ބެހޭ ޖާސޫސީ މައުލޫމާތު ކުރިން ލިބުނު ނަމަވެސް އެކަމުން ސަލާމަތް ވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވީ ފުލުހުންގެ އިސްވެރިންނާ ދެކޮޅަށް ޖިނާއީ ދައުވާ ކުރަން އެގައުމުން ނިންމައިފި އެވެ.
އެމަލާތަކާ ގުޅޭ ތަހްގީގްތައް ކުރިޔަށް ގެންދިޔުމަށް ސްރީލަންކާގެ ރައީސް މައިތުރިޕަލަ ސިރިސޭނާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ބުނީ ޓެރަރިސްޓް ޙަމަލާތައް ދޭން އުޅޭކަމުގެ ޖާސޫސީ މައުލޫމާތު ބޭރުގެ ފަރާތަކުން ލިބުމުން ވެސް އެކަމުން ސަލާމަތްވުމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވަނީ ފުލުހުންގެ އެންމެ މަތީ އޮފްސަރުންގެ އިހުމާލުންކަން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާކަމުގަ އެވެ.
މިކަމާ ގުޅިގެން ދެއްވި ބަޔާނެއްގައި ސްރީލަންކާގެ އެޓާނީ ޖެނެރަލް ދައްޕުލާ ޑި ލިވެރާ ވިދާޅުވީ މިކަމުގައި އިހުމާލުވިކަމުގެ ތުހުމަތު ފުލުހުންގެ އިސް ނުވަ އޮފްސަރެއްގެ މައްޗަށް ކުރެވޭ ކަމަށާއި މި ތުހުމަތުތަކާ އެކު އެމީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ރިޔާސީ ކޮމިޝަނުން ރެކޮމެންޑް ކޮށްފައިވާ ކަމުގަ އެވެ. އިހުމާލުގެ މިމައްސަލާގައި ސްރީލަންކާގެ ރައީސް މައިތުރިޕަލަ ސިރިސޭނާ އަށް ވެސް ވަނީ އެގައުމުގެ އެތެރޭން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ސިރިސޭނާ އަށް ފާޑުކިޔުންތައް އަމާޒުވީ ސްރީލަންކާގެ ދިފާއީ ވަޒީރުކަމާ އަދި ލޯ އެންޑް އޯޑާ ވުޒާރާގެ ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަނީ ވެސް ސިރިސޭނާ ކަމަށްވާތީ އެވެ.
ސްރީލަންކާއަށް ޓެރަރިސްޓް ހަމަލާތައް ދޭން ބަޔަކު ރާވަމުންދާކަމުގެ ޖާސޫސީ މައުލޫމާތު އެގައުމުގެ ކަމާ ބެހޭ އިދާރާތަކަށް ދިނީ ކޮލަންބޯގައި ހުންނަ އިންޑިއާގެ އެންބަސީން އެޕްރީލް 4 ވަނަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބައެއް ލަގްޒަރީ ހޮޓާތަކަށާ އަދި ނަސާރާ ބައެއް ފައްޅިތަކަށް ދިން އެހަމަލާގެ ޒިންމާ އުފުލާފައި ވަނީ އައިއެސް ޖަމާއަތުންނެވެ. ނަމަވެސް ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކުގެ އެހީގައި އެކަންކުރީ ސްރީލަންކާގެ ނެޝަނަލް ތައުޙީދު ޖަމާއަތާއި މިއްލަތު އިބްރާހީމް ޖަމާއަތުގެ ޓެރަރިސްޓުން ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އެހަމަލާތަކުގައި 258 މީހުން މަރުވެފައިވާއިރު 500 އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްވެފަ އެވެ.
ދާދިފަހުން މަގާމުން ދުރުކުރި ސްރީލަންކާގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ސިސިރާ މެންޑިސް ވަނީ އެއީ ދުރާލާ ފިޔަވަޅު އެޅި ނަމަ ސަލާމަތްވެވޭނެ ހަމަލާއެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. (ނޫސްއެޖެންސީތައް + ސްރީލަންކާގެ މީޑިއާ)