މާފުށީ ޖަލުގައި ހިނގާ ދިޔަ ހަމަ ނުޖެހުންތަކުގައި ގައިދީންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލާގައި ކަމާ ގުޅުން ހުރި މުއައްސަސާތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގައިދީއަކު ޖަލުގެ އޮފިސަރަކަށް ހަމަލާދިނުމުން އޭގެ ބަދަލެއްގެ ގޮތުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް ޖަލު އޮފިސަރުން ވަނީ ގައިދީންއަށް އަނިޔާކޮށްފަ އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީއިން ބޭއްވި ކުއްލި ބައްދަލުވުމުގައި ނިންމީ ކަމާ ގުޅުން ހުރި މުއައްސަސާއިން ބޭނުންވާ މައުލޫމާތުތައް ހޯދާ އަދި އެ މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށް ކަން ހިނގާ ދިޔަގޮތް ސާފު ކުރުމަށް ސުވާލު ކުރުމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މިހާރު މާފުށީ ޖަލުގައި ހިނގައިގެން އުޅޭ ހަމަ ނުޖެހުމާ ގުޅިގެން މަޖިލީހުގެ ކޮމިޓީން ހޯދާ ހޯދުންތައް ޖަލު އޮޑިޓް ކޮމިޓީއަށް ހިއްސާ ކުރަން ޖެހޭ ކަމަށެވެ.

އަދި ޖަލު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަން ވީހާވެސް އަވަހަށް ހައްލު ކުރުމަކީ މުހިންމު ކަމެއް ކަން މިހާރު ޔަގީންވާ ކަމަށާއި މި ސަރުކާރު އައުމުގެ ބޭނުމަކީ އަނިޔާވެރިކަން ނައްޔާލުން ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

"ހާއްސަކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި ވަނިކޮށް އަނިޔާ ލިބުމަކީ އަޅުގަނޑުމެން އެންމެ ކަންބޮޑުވާނެ ޖެހޭ އެއްކަންތައް. އެހެންވީމާ މިކަމަށް ވީހާވެސް ބޮޑަކަށް ވީހާވެސް އަވަސް ފުރުސަތެއްގައި މި ކަމަށް އެޓެންޑްވެ ޖަލު އޮޑިޓް ދިރާސާ ކުރައްވާ ކޮމިޓީއާ އަޅުގަނޑުމެންގެ ފައިންޑިންގްސްތައް ހިއްސާ ކުރުމަކީ މުހިންމު ކަމެއް." އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓްރީއިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، މާފުށީ ޖަލުގައި ހިނގި އެ ހާދިސާއާ ގުޅިގެން ޖަލުގެ އަޮފިސަރުންތަކެއް ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް ގައިދީންއަށް އަނިޔާކުރި ކުރުން އެއްވެސް ވަރަކަށް ސަރުކާރުން ބަލައި ނުގަންނަ ކަމަށާއި އެ އަމަލުތައް ކުށްވެރި ކުރާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރަން ޖެހޭ އެންމެހާ ތަހުގީގުތައްކޮށް އިހުމާލުވާ އެންމެހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ހޯމް މިނިސްޓްރީ އިން ބުންޏެވެ.

"... މިފަދަ އަމަލުތައް އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް ޓަކައި ޖަލުގެ އިންތިޒާމުތަކަށް ގެންނަންވާ ބަދަލުތައް ސަރުކާރުން ގެންނާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ

ޖަލުގައި ތިބި ގައިދީންނާ ހަވާލާދީ އާއިލާތަކުން ބުނާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހަމަނުޖެހުމަށް ފަހު، ޖަލުގެ ބައެއް އޮފިސަރުން ވަނީ ގައިދީންތަކެއް ޖަލު ގޮޅިތަކުން ނެރެ ބޯ ބާލައި، ކުރިމަތި ފަރާތަށް ޕެޕާ ސްޕްރޭ ޖަހައި މުގުރުން ތަޅައި އެހެން ވެސް އަނިޔާތައް ކޮށްފަ އެވެ.

އެހެން ނަމަވެސް، ގައިދީންގެ ބޯ ބޭލުން ފަދަ ކަމެއް ކޮށްފައި ނުވާ ކަމަށް ކަރެކްޝަނަލް ސާވިސަސްއިން ބުނެފައިވެ އެވެ.