ސަތޭކަ ރުފިޔާގެ ވަގު ނޫޓެއްގެ ކަމަށް ބެލެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަންފަށައިފި އެވެ.

އެ މައްސަލަ ތަހުގީގު ކުރަން ފެށީ ރޭ ގަލޮޅުގައި ހުންނަ ފިހާރައަކުން ފޯނުކާޑެއް ގަތް މީހަކަށް މާރުކޮށްފައި ދިން ރުފިޔާގެ ތެރެއިން 100ރ.ގެ ނޫޓަކީ ވަގު އެއްޗެއް ކަމަށް ޝައްކުކުރެވިގެން ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުންގެ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެ ނޫޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މަރުކަޒީ ބޭންކު، އެމްއެމްއޭ އާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

"އަޅުގަނޑުމެން އެމްއެމްއޭ އާ ގުޅިގެން ބަލާފައި އިނގޭނީ އެއާ [100ރ. ގެ ނޫޓާ] މެދު އެއްޗެއް ބުނަން،" ޝިޔާމް ވިދާޅުވި އެވެ.

އެ މައްސަލައިގައި މިއަދު އެމްއެމްއޭގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

މީގެ ކުރިން 500ރ.ގެ ވަގު ނޫޓު ގެންގުޅުން އާންމުވުމުން އެ ނޫޓުގައި އިތުރު ސެކިއުރިޓީ ފީޗާތަކެއް ހިމަނާ އެ ނޫޓު އަލުން ޗާޕުކުރި އެވެ.