22 Jun 2019, 10:26
މާފުށީ ޖަލުގެ ގައިދީންތަކަކަށް އަނިޔާކުރި މައްސަލަޔާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މާފުށީ ޖަލަށް މިއަދު ވަޑައިގެންފި އެވެ.
ހޯމް މިނިސްޓްރީ އިން ބުނީ މިނިސްޓަރު އިމްރާން މިއަދު ހެނދުނު މާފުށީ ޖަލަށް ވަޑައިގެންނެވީ، މާފުށި ޖަލުގައި ހިނގި ހާދިސާގެ މައުލޫމާތު އޮޅުންފިލުއްވައި ހާލަތު ދެނެގަތުމަށް ކަމަށެވެ.
މި ހާދިސާއަށް ފަހު، އެ ޖަލުގައި ކަންކަން މިހާރު އޮތް ހާލަތާއި އެކަން ހިނގާދިޔަގޮތް މިނިސްޓަރު ތަފްސީލްކޮށް އޮޅުން ފިލުއްވާނެ ކަމަށް ވެސް ހޯމް މިނިސްޓްރީއިން ބުންޏެވެ. މިނިސްޓަރުގެ އަރިހުގައި، ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް ނޫނީ ޖަލުތަކުގެ ވެރިޔާ އަބްދުﷲ މުނާޒު އާއި ކަމާ ގުޅޭ މިނިސްޓްރީގެ އިސްވެރިން ޖަލަށް ވަޑައިގެންނެވި އެވެ.
ހޯމް މިނިސްޓްރީ އިން މިއަދު ބުނެފައިވަނީ ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން ގައިދީންއަށް އަނިޔާކުރި މައްސަލަ މިނިސްޓްރީއިން ބަލައި އިހުމާލުވާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. މީގެ އިތުރަށް ޖަލުގެ އިންތިޒާމްތަކަށް ވެސް ބަދަލު ގެންނާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
ގައިދީންނާ ހަވާލާދީ އާއިލާތަކުން ބުނާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހަމަނުޖެހުމަށް ފަހު، ޖަލުގެ ބައެއް އޮފިސަރުން ވަނީ ގައިދީންތަކެއް ޖަލު ގޮޅިތަކުން ނެރެ ބޯ ބާލައި، ކުރިމަތި ފަރާތަށް ޕެޕާ ސްޕްރޭ ޖަހައި މުގުރުން ތަޅައި އެހެން ވެސް އަނިޔާތައް ކޮށްފަ އެވެ.
އެހެން ނަމަވެސް، ގައިދީންގެ ބޯ ބޭލުން ފަދަ ކަމެއް ކޮށްފައި ނުވާ ކަމަށް ކަރެކްޝަނަލް ސާވިސަސްއިން ބުނެ އެވެ. ބައެއް ގައިދީން އިއްޔެ ވަނީ ޖަލުގައި ހަޅުތާލުވެސް ކޮށްފަ އެވެ.
ކަރެކްޝަނަލް ސާވިސަސްއިން ބުނެފައިވާ ގޮތުގައި ޖަލުގެ ހާލަތު މިހާރު ވަނީ އާންމު ހާލަތަށް އައިސްފަ އެވެ.