ޖަލުގެ އޮފިސަރަކަށް ހަމަލާދިނުމުން، ގައިދީންނަށް އަނިޔާކޮށްފައި ވާތީ، އެފަދަ ކަންތައްތައް ތަކުރާރު ނުވާނެ ގޮތަށް ޖަލުގެ އިންތިޒާމްތަކަށް ބަދަލު ގެންނާނެ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގައިދީއަކު ޖަލުގެ އޮފިސަރަކަށް ހަމަލާދިނުމުން އޭގެ ބަދަލެއްގެ ގޮތުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް ޖަލު އޮފިސަރުން ވަނީ ގައިދީންއަށް އަނިޔާކޮށްފަ އެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓްރީއިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، މާފުށީ ޖަލުގައި ހިނގި އެ ހާދިސާއާ ގުޅިގެން ޖަލުގެ އަޮފިސަރުންތަކެއް ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް ގައިދީންއަށް އަނިޔާކުރި ކުރުން އެއްވެސް ވަރަކަށް ސަރުކާރުން ބަލައި ނުގަންނަ ކަމަށާއި އެ އަމަލުތައް ކުށްވެރި ކުރާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރަން ޖެހޭ އެންމެހާ ތަހުގީގުތައްކޮށް އިހުމާލުވާ އެންމެހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ހޯމް މިނިސްޓްރީ އިން ބުންޏެވެ.

"... މިފަދަ އަމަލުތައް އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް ޓަކައި ޖަލުގެ އިންތިޒާމުތަކަށް ގެންނަންވާ ބަދަލުތައް ސަރުކާރުން ގެންނާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ބުރާސްފަތި ދުވަހު ޖަލުގައި އެ ހާދިސާ ހިނގިކަން ހޯމް މިނިސްޓްރީއަށް އެނގުމާ އެކު ކޮމިޝަނާ އޮފް ޕްރިޒަންސް އާއި އެ ޑިޕާޓްމަންޓްގެ އެހެން ވެސް އިސްބޭފުޅުން މާފުށީ ޖަލަށް ވަޑައިގެން ކަންކަން ހިނގާފައިވާ ގޮތް ބެއްލެވި ކަމަށެވެ. އަދި އެކަން ބެލިއިރު، ޖަލު އޮފިސަރަކަށް އަނިޔާވުމުގެ އިތުރަށް އޭގެ ފަހުން ޖަލު އޮފިސަރުންތަކެއް ގައިދީންއަށް ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް އަނިޔާކޮށްފައިވާ ކަމަށް ފާހަގަވެފައިވާ ކަމަށެވެ. އަދި އަނިޔާވި ގައިދީންއަށް ދޭން ޖެހޭ އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމަށް ވަގުތުން ވަގުތަށް އަންގާފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީއިން ބުންޏެވެ.

ޖަލުގައި ތިބި ގައިދީންނާ ހަވާލާދީ އާއިލާތަކުން ބުނާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހަމަނުޖެހުމަށް ފަހު، ޖަލުގެ ބައެއް އޮފިސަރުން ވަނީ ގައިދީންތަކެއް ޖަލު ގޮޅިތަކުން ނެރެ ބޯ ބާލައި، ކުރިމަތި ފަރާތަށް ޕެޕާ ސްޕްރޭ ޖަހައި މުގުރުން ތަޅައި އެހެން ވެސް އަނިޔާތައް ކޮށްފަ އެވެ.

އެހެން ނަމަވެސް، ގައިދީންގެ ބޯ ބޭލުން ފަދަ ކަމެއް ކޮށްފައި ނުވާ ކަމަށް ކަރެކްޝަނަލް ސާވިސަސްއިން ބުނެފައިވެ އެވެ.