26 Oct 2011, 12:22
ތިލަފުށި ކޯޕަރޭޝަނާ ބެހޭ ގޮތުން އެއްޓި ކޮރަޕްޝަން ކޮމިޝަން ]އޭސީސީ[ އިން ބަލަމުން އަންނަ މަސައްލައަކާ ގުޅުން ހުރި ލިއުންތަކެއް ކޮމިޝަނަށް ނުދީގެން ތިލަފުށި ކޯޕަރޭޝަންގެ ލީގަލް މެނޭޖަރު އަދި ކޮމްޕެނީ ސެކްރެޓަރީ ސ. ފޭދޫ އަޅިވިލާގޭ މުހައްމަދު ލަތީފުއާ ދެކޮޅަށް ދައުވާކޮށް ދިނުން އެދި އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީ އިން މިއަދު ބުނީ މި މަހުގެ 23 ވަނަ ދުވަހު އެ މައްސަލަ ޕީޖީ އަށް ފޮނުވީ ތިލަފުށިން ބިން ހިއްކުމުގެ މަސައްކަތް އަލުން ބިޑްކޮށްގެން ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ތިލަފުށި ކޯޕަރޭޝަނަށް އެންގި އެންގުމާ އެ ކުންފުނިން ހިލާފުވެފައިވާ މައްސަލަ ބެލުމަށް މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ތިލަފުށި ކޯޕަރޭޝަނަށް ގޮސް ހޯދުމަށް އެދުނު ލިއުންތަކުގެ ތެރެއިން ބައެއް ލިއުންތައް ދީފައި ނުވާތީ ކަމަށެވެ.
"ބޯޑް ރިޒޮލިއުޝަންގެ ކޮޕީ މި ކޮމިޝަނަށް ފޮނުވާނެ ކަމަށް ކުންފުނީގެ ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް މެނޭޖަރު އަދި ކޮމްޕެނީ ސެކްރެޓަރީ ސ. ފޭދޫ އަޅިވިލާގެ މުހައްމަދު ލަތީފު 21 އޯގަސްޓް 2011ގައި ބުނެފައި ވީނަމަވެސް، މިހާތަނަށް އެލިޔުންތައް މި ކޮމިޝަނަށް ފޮނުވާފައިނުވޭ،" އޭސީސީގެ ބަޔާނުގައިވެ އެވެ.
އަދި އޭސީސީގެ އެންގުމުގައި ގާނޫނީ މައްސަލަތަކެއް ހުރި ކަމަށް ބުނެ، އެ މައްސަލަ ކޯޓަށް ހުށައެޅުމަށް ތިލަފުށި ކޯޕަރޭޝަނުން ނިންމި ބޯޑް ރިޒޮލިއުޝަންގެ ކޮޕީ ވެސް އެ ކުންފުނިން އޭސީސީ އަށް ނުދީ ހިފަހައްޓާފައިވާ ލިއުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީ އަށް ލިއުންތައް ނުދީ ހިފެހެއްޓި މައްސަލަގައިގާ މުހައްމަދު ލަތީފާ ދެކޮޅަށް ދައުވާކޮށްދިނުމަށް އޭސީސީން އެދިފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރާ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާއި އެންޓި ކޮރަޕްޝަން ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުންނެވެ.
ލަތީފު މިއަދު ވިދާޅުވީ އޭސީސީ އިން ބުނާ ލިއުންތައް މިއަދު އޭސީސީ އަށް ފޮނުއްވާނެ ކަމަށެވެ.
ތިލަފުށިން ބިން ހިއްކުމުގެ މަޝްރޫއު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން މޫސާ މަނިކުގެ ބޮޑު ހިއްސާއެއް އޮންނަ ހެވީލޯޑް ކުންފުންޏާ ހަވާލުކުރުމުގައި ގަވައިދާ ހިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ މި އަހަރުގެ ފެބްރުއަރީ މަހު އޭސީސީން ވަނީ އެ މަސައްކަތް ހުއްޓާލައި އަލުން ބީލަމަށް ހުޅުވާލުމަށް ތިލަފުށި ކޯޕަރޭޝަނަށް އަންގައިފަ އެވެ. ނަމަވެސް 21 މިލިޔަން ޑޮލަރުގެ އެ މަޝްރޫއުގެ ބޮޑު ބައެއް ހެވީލޯޑުން މިހާރު ވަނީ ނިންމާފަ އެވެ.