21 Jun 2019, 23:57
ޖަލުތަކުގެ ހާލަތު އެއް ދުވަހުން ނުވަތަ ދެދުވަހުން ރަނގަޅު ނުވާނެ ކަމަށް ހޯމް މިނިސްޓަރު ޝޭއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިއްޔެ މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ކަރެކްޝަންސްގެ އޮފިސަރުން ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި ކަމަށް ހޯމް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.
ހަމަ ނުޖެހުންތަކާ ގުޅިގެން އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލުތަކުގެ ހާލަތަށް އެކަށީގެންވާ އައިސްފައި ނެތް ކަމަށެވެ. އިމްރާން ވިދާޅުވީ، ޖަލުތަކުގައި އަނިޔާކުރުން އޭނާ ހުއްޓުވާނެ ކަމަށެވެ.
"މިއީ ދުވަހަކުން [ނުވަތަ] ދެދުވަހަކުން ބަދަލުވާނެ ކަމެއް ނޫން. ގައިދީންނާމެދު ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަށް ހިންގުން އަޅުގަނޑު ހުއްޓުވާނަން،" އިމްރާން ވިދާޅުވިއެވެ.
އިމްރާން މިރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ފުރިހަމަ ތަހުގީގަކާ ނުލާ އޮފިސަރުންނާމެދު ފިޔަވަޅު ނާޅާނެ ކަމަށެވެ. އިމްރާން ވިދާޅުވީ، "ޖަލު ހަލަބޮލިކޮށްގެން ސިޔާސީ މަންފާ ހޯދުނު ޒަމާން މާޒީވެއްޖެ" ކަމަށެވެ.
ސިޔާސީ ބޭނުމަށް ޖަލު ހަލަބޮލި ކުރާ ކަންކަމުން ކަރެކްޝަންސްގެ އޮފިސަރުން އެއްކިބާވުމަށް އިމްރާން ނަސޭހަތްތެރިވިއެއެވެ.
އިއްޔެ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އަނިޔާވި ގައިދީންނަށް ފަރުވާ ނުދޭ ކަމަށް ބުނެ، ގައިދީން މިއަދު ވަނީ ހަޅުތާލުވެސް ކޮށްފައެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި، މިއަދު ހަވީރުން ފެށިގެން މިރޭ ގައިދީން ވަނީ ޖަލުގައި ހަޅުތާލުކޮށްފައެވެ. ހަޅުތާލު ކުރީ ހަމުޖެހުންތަކުގައި ގައިދީންނަށް އަނިޔާވެ، ފަރުވާއަށް އެދުމުންވެސް ފަރުވާ ނުދީގެންނެވެ.
ހަޅުތާލު މިހާރަށް ހުއްޓާލާފައިވީ ނަމަވެސް އަދިވެސް އެކަށީގެންވާ ގައިދީންނަށް ފަރުވާ ނުދޭ ކަމަށް ވަނީ އެނގިފައެވެ. ގައިދީން ޑީމާންޑް ކުރަނީ މާލެ ގެނެސް އަނިޔާވި ގައިދީންނަށް އެކަށީގެންވާ ފަރުވާ ދިނުމަށެވެ.
ކަރެކްޝަންސް ސާވިސްގެ މީޑިއާ އޮފިޝަން މިރޭ "ސަން" އަށް ވިދާޅުވީ، އަނިޔާވި ގައިދީންނަށް ފަރުވާދީފައިވާނެ ކަމަށެވެ. އެކަމާ ގުޅިގެން އިތުރު އެއްޗެއް އޭނާ ވިދާޅެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ފަހަތަށް ބިޑި އަޅުވައި ގައިދީންގެ ބޯވެސް ވަނީ ބާލާފައެވެ. އަދި ބައެއް ގައިދީންގެ ގަޔަށް ޕެޕާސްޕްރޭ ޖެހި ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. އެގޮތުން ބައެއް ގައިދީންގެ ކުރިމަތި ފަރާތާއި ފުރަގަސް ފަރާތަށް ވެސް ޕޭޕާ ސްޕޭ ޖަހާފައިވާ ކަމުގެ މައުލޫމަތު ލިބުނެެވެ.
ގައިދީންގެ ބޯ ބޭލި ވާހަކައާއި މިއަދު ގައިދީން ހަޅުތާލު ކުރި ވާހަކަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދޮގު ކުރެއެވެ.
ޖަލުގައި ހިނގި ހަމަނުޖެހުންތައް ތަހުގީގު ކުރަމުންދާ ކަަމަށް ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާއާރުސީސއެމް)އިން އިއްޔެ ވަނީ ބުނެފައެވެ. އެކަމާ ގުޅޭގޮތުން އިތުރު މައުލޫމަތު ހޯދުމަށް އެޗްއާއާރުސީއެމްއަށް މިރޭ ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލެއް ނުލިބެއެވެ.
ޖަލުގެ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުއްލި ބައްދަލުވުމެއް މާދަމާ 11:00 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ހަމަނުޖެހުންތަކާ ގުޅިގެން އެކަންތައް ބެލުމަށް މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، އަމަލުކުރައްވާނެ ގޮތެއް މާދަމާގެ ބައްދަލުވުމުގައި ކަނޑައަޅާނެއެވެ.
ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި އިއްޔެ އޮފިސަރަކަށް އަނިޔާވެ، ފަރުވާ ދިނުމަށް މާލެވެސް ގެނެވުނެވެ. ހޯމް މިނިސްޓްރީން އިއްޔެ ބުނިގޮތުގައި ހަމަނުޖެހުންތައް ތަހުގީގުކުރަމަށްފަހު، ކަންކަން ގާނޫނުގެ ތަރަހައިގެ ތެރެއަށް ގެނައުމަށްޓަކައި އަޅަންވާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.