އިއްޔެ މާފުށީ ޖަލުގައި ގައިދީންނާއި އޮފިސަރުންނާ ދެމެދު ހިނގި ހަމުޖެހުންތަކުގައި އަނިޔާވި ގައިދީންނަށް ފަރުވާ ނުދީގެން ގައިދީން ހަޅުތާލުކޮށްފި އެވެ.

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ކަރެކްޝަންސްގެ އޮފިސަރުން ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރިކަމަށް ހޯމް މިނިސްޓްރީން ވެސް އިއްޔެ ވަނީ ބުނެފައެވެ. ހަމަނުޖެހުންތަކުންގައި އަނިޔާވި އޮފިސަރަކަށް މާލެ ގެނެސް ފަރުވާދެމުންދާ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި، މިއަދު ހަވީރުން ފެށިގެން މިރޭ ގައިދީން ވަނީ ޖަލުގައި ހަޅުތާލުކޮށްފައެވެ. ގައިދީން ހަޅުތާލު ކުރީ ހަމުޖެހުންތަކުގައި ގައިދީންނަށް އަނިޔާވެ، ފަރުވާއާށް އެދުމުންވެސް ފަރުވާ ނުދީގެންނެވެ.

ހަޅުތާލު މިހާރަށް ހުއްޓާލާފައިވީ ނަމަވެސް އަދިވެސް އެކަށީގެންވާ ގައިދީންނަށް ފަރުވާ ނުދޭ ކަމަށް ވަނީ އެނގިފައެވެ. ގައިދީން ޑީމާންޑް ކުރަނީ މާލެ ގެނެސް އަނިޔާވި ގައިދީންނަށް އެކަށީގެންވާ ފަރުވާ ދިނުމަށެވެ.

ކަރެކްޝަންސް ސާވިސްގެ މީޑިއާ އޮފިޝަލް، އަޙްމަދު ނަސީމް މިރޭ "ސަން" އަށް ވިދާޅުވީ، އަނިޔާވި ގައިދީންނަށް ފަރުވާދީފައިވާނެ ކަމަށެވެ. އެކަމާ ގުޅިގެން އިތުރު އެއްޗެއް އޭނާ ވިދާޅެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ފަހަތަށް ބިޑި އަޅުވައި ގައިދީންގެ ބޯވެސް ވަނީ ބާލާފައެވެ. އަދި ބައެއް ގައިދީންގެ ގަޔަށް ޕެޕާސްޕްރޭ ޖެހި ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. އެގޮތުން ބައެއް ގައިދީންގެ ކުރިމަތި ފަރާތާއި ފުރަގަސް ފަރާތަށް ވެސް ޕޭޕާ ސްޕޭ ޖަހާފައިވާ ކަމުގެ މައުލޫމަތު ލިބުނެެވެ.

ގައިދީންގެ ބޯ ބޭލި ވާހަކައާއި މިއަދު ގައިދީން ހަޅުތާލު ކުރި ވާހަކަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދޮގު ކުރެއެވެ.

މީޑީއާ އޮފިޝަލް ނަސީމް ވިދާޅުވީ، "އެއްވެސް ގައިދީއެއްގެ ބޯ ނުބާލާ" ކަމަށާއި މިއަދު އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގާ" ކަމަށެވެ.

އޭނާ ވިދާޅުވީ، ހަމަނުޖެހުންތައް ކަރެކްޝަންސްއާއި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި ހަމަނުޖެހުންތަކާ ގުޅޭގޮތުން އެއްޗެއް ދަންނަވަން އެނގޭނީ ތަހުގީގަށް ފަހު، ކަމަށެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތައް ތަހުގީގު ކުރަމުންދާ ކަަމަށް ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާއާރުސީސއެމް)އިން އިއްޔެ ވަނީ ބުނެފައެވެ. އެކަމާ ގުޅޭގޮތުން އިތުރު މައުލޫމަތު ހޯދުމަށް އެޗްއާއާރުސީއެމްއަށް މިރޭ ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލެއް ނުލިބެއެވެ.

ޖަލުގެ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުއްލި ބައްދަލުވުމެއް މާދަމާ 11:00 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އެ ކޮމިޓީގެ މުގައްރިރު މިރޭ "ސަން" އަށް ވިދާޅުވީ، މާދަމާގެ ބައްދަލުވުމުގައި، ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެކަންތައް ބެލުމަށް މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، އަމަލުކުރައްވާނެ ގޮތެއް ކަނޑައަޅާނެ ކަމަށެވެ.

ހޯމް މިނިސްޓްރީން އިއްޔެ ބުނިގޮތުގައި ހަމަނުޖެހުންތައް ތަހުގީގުކުރަމަށްފަހު، ކަންކަން ގާނޫނުގެ ތަރަހައިގެ ތެރެއަށް ގެނައުމަށްޓަކައި އަޅަންވާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.