އިއްޔެ މާފުށީ ޖަލުގައި ހިނގި ހަމަނުހުންތަކުގައި އެއްވެސް ގައިދީއެއްގެ ބޯ ނުބާލާ ކަަމަށް މޯލްޑްވިސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

މާފުށީގައި އިއްޔެ ގައިދީންނާއި އޮފިސަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ގައިދީންގެ ބޯ ބާލައިފައިވާ ކަަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ކަރެޝަންސްގެ މީޑީއާ އޮފިޝަލް އަހްމަދު ނަސީމް އެވަހާކަތައް ދޮގު ކުރެއްވިއެވެ.

ނަސީމް މިރޭ "ސަން" އަށް ވިދާޅުވީ، "އެއްވެސް ގައިދީއެއްގެ ބޯ ބާލައިފައި" ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ހަމަނުޖެހުންތައް ކަރެކްޝަންސް ސާވިސްއާއި ފުލުހުން މިހާރު ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށާއި ހަމަނުޖެހުމާ ގުޅިގެން އެއްޗެއް ދެންނެވޭނީ ތަހުގީގަށް ފަހު ކަމަށެވެ.

މާފުށީ ޖަލުގައި މިއަދުވެސް ހަމަނުޖެހުން ހިނގަމުންދާ ކަމަށް ޝޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައްވެސް ނަސީމް ދޮގު ކުރެއްވި އެވެ.

"މިހާރު އެއްވެސް ހަމަނުޖެހުމެއް ނެތް" ނަސީމް ވިދާޅުވިއެވެ.

ގައިދީންނާ ގުޅިގެން ދެކެވެމުންދާ ވާހަކަ ކަރެކްޝަންސް އިން ދޮގު ކުރި އިރު، ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ކަރެކްޝަންސްގެ އޮފިސަރުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް އިއްޔެ ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. ހަމުނުޖެހުން އިތުރަށް ތަހުގީގުކުރުމަށްފަހު، ކަންކަން ގާނޫނުގެ ތަރަހައިގެ ތެރެއަށް ގެނައުމަށްޓަކައި އަޅަންވާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އިއްޔެ ހިނގި ހަމަނުޖެހުންތަކުގައި ކަރެކްޝަންސްގެ އޮފިސަރަކަށް އަނިޔާވެ، މާލެ ގެނެސް ވަނީ ފަރުވާ ދެވިފައެވެ.

މާފުށީގައި ހިނގި ހަމަނުޖެހުންތައް ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ތަހުގީގު ކުރަމުން ގެންދާކަމަށް އެކޮމިޝަނުން އިއްޔެ ވަނީ ބުނެފައެވެ.