ޖިނާއީ މައްސަލަތަކުގައި ދައުލަތުން ދައުވާ ކުރުމުގެ ސިޔާސަތު ދިރާސާކޮށް ނިންމުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒަށް އަންގަވާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަބްދުﷲ މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނައިބު މިއަދު ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ދައުލަތުން ދައުވާ ކުރުމުގެ ސިޔާސަތުތައް ދިރާސާ ކުރުމުގައި މަޝްވަރާ ހޯދަން ޖެހޭ ފަރާތްތައް އެބަހުރި ކަމަށާއި އެކަމުގައި ޕީޖީއާ ވެސް މަޝްވަރާތައް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސަތުތައް އަވަހަށް ދިރާސާކޮށް އެކަން ޕީޖީއަށް އަންގަން ވަޒީރުންގެ މަޖިލީހުން ނިންމައި އެމަނިކުފާނު އަރިހު ސަރުކާރުން އެދިފައިވާ ގޮތަށް ލަސް ނުކޮށް އެކަން ކުރައްވާނެ ކަމަށެވެ.

"ސިޔާސަތުތައް ރިވައިސް ކުރުމުގައި އަޅުގަނޑު ލަހެއް ނުކުރާނަން. އަޅުގަނޑު މި ބަލަނީ އަންނަ ހަފުތާގެ ތެރޭގައި އެކަން ޕީޖީއަށް އަންގަން، އެވަރުވާނެ،" ޕީޖީ މުއިއްޒުގެ ކޮއްކޯފުޅު އޭޖީ މުއިއްޒު ވިދާޅުވި އެވެ. "މިހާރު ވެސް އޮވޭ ސިޔާސަތުތަކެއް، އެ ރިވައިސް މިކުރަނީ. އެކަމުގައި އަޅުގަނޑު ޖެހޭ މަޝްވަރާ ހޯދަން ވެސް،"

ވަޒީރުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ބަންޑާރަ ނައިބު ކިބައި އެދިފައި ވަނީ ޖިނާއީ ދައުވާ ކުރުމުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ޕީޖީއަށް އެންގުމަކީ، ޤާނޫނު އަސާސީ އިން ބަންޑާރަ ނައިބަށް ލިބިދޭ ބާރަކަށް ވުމާ އެކު، އެ ސިޔާސަތު މުރާޖަޢާކޮށް ވީހާ ވެސް އަވަހަކަށް އެކަން ޕީޖީއަށް އަންގައި ދިނުމަށެވެ.


ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމެވި އިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ހައްޔަރު ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން، ފުލުހުންގެ ހައްޔަރުގައި މި ވަގުތު ތިބި އެންމެން ދޫކޮށްލުމާ މެދު ވިސްނަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ޣައްސާނު މައްސަލައިގައި ކޯޓުން ނިންމި ނިންމުމާ ގުޅިގެން ފުލުހުން ކަންބޮޑުވުމެއް ފާޅުކޮށް އެހެން ބުނެފައިވިޔަސް ކުށުގެ ވެށީގެ ތެރެއިން މީހުން ހައްޔަރު ކުރާނެ ކަމަށާއި އެކަމަށް ބަދަލެއް ނާންނަ ކަމަށެވެ.

"ފުލުހުން އެކަން ކުރާނެ، މީހުން ހައްޔަރު ކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.