21 Jun 2019, 16:09
މިއަހަރުގެ ހަތަރު މަސް ނިމުނު އިރު ރާއްޖެއިން މަސް ބޭރުކުރި އަދަދު 22.67 ޕަސެންޓް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީއިން ބުރާސްފަތި ދުވަހު އާންމު ކުރި، އިގްތިސާދީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އެޕްރީލް މަހު 9،226.6 މެޓްރިކްޓަނުގެ މަސްވަނީ ރާއްޖެއިން ބޭރުކޮށްފަ އެވެ. އެއީ މާޗް މަހު ބޭރުކުރި، 7،521.7 މެޓްރިކްޓަނުގެ މަހާ އަޅާބަލާއިރު، 22.67 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ، 1،704.9 މެޓްރިކްޓަނު އިތުރު އަދަދެކެވެ.
މަސް ބޭރު ކުރި އަދަދު އިތުރުވީ ނަމަަވެސް، ރާއްޖެއިން ބޭރުކުރި މަހުގެ އަގު ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން، 21.8 މިލިއަން ޑޮލަރުން އެ އަދަދު ވަނީ، 18.6 މިލިއަން ޑޮލަރު ދަށްވެފަ އެވެ. އެއީ، 14.68 ޕަސެންޓް ދަށްވުމެކެވެ.
މަސް ކުންފުނިތަކުން މަސް ގަތް އަދަދު ވެސް ވަނީ އެޕްރީލް މަހު ދަށަށް ގޮސްފަ އެވެ. އެގޮތުން، މާޗް މަހު މަސް ކުންފުނިތަކުން 9،852.4 މެޓްރިކްޓަނުގެ މަސް ގަތްއިރު، އެޕްރީލް މަހު އެ އަދަދު ވަނީ 9،178.5 މެޓްރިކްޓަނަށް ދަށްވެފަ އެވެ.