ކްރިމިނަލް ކޯޓުން ފަސް ދުވަހަށް ބަންދުގެ މުއްދަތު ޖަހައިދީފައިވާ ބަޔަކު، ފުލުހުން ދޫކޮށްލި ކަމަށް ބުނެ އާންމު ފަރާތަކުން އެ ކޯޓަށް ޝަކުވާ ހުށަހެޅުމުން ފުލުހުންގެ ކަމަބެހޭ ބޭފުޅަކު ކޯޓަށް ހާޒިރުވުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މި އަމުރުގައި ބުނަނީ މިއަދު 11:00 އިގެ ކުރިން، މިކަންކަމާ ގުޅިގެން ކޯޓަށް ޖަވާބުދާރީވުމަށް ފުލުހުންގެ ކަމާބެހޭ ފަރާތެއް ކޯޓަށް ހާޒިރުވާން އަމުރު ކުރާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ އަމުރު ނެރުނީ މުދަލަށް ގެއްލުން ދިނުމާއި އަމަން ނަގާލުމުގެ ތުހުމަތުގައި އޮކްޓޯބަރު 24، 2011 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރި ބަޔަކު ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ އަމުރާއި، ޚިލާފަށް ހަމަ އެދުވަހު ފުލުހުން އެމީހުން ބަންދުން ދޫކޮށްލާފައިވާކަމަށް ކޯޓުގައި މީހަކު ޝަކުވާ އުފުލާފައިގެނެވެ.

ބަންދުން ދޫކޮށްލައިފައި ވަނި ކޮން ބައެއް ކަމެއް ކޯޓަކުން ނުބުނެ އެވެ. ނަމަވެސް އެންދެރިމާގޭ ކައިރީ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ހުސެން އިލްހާމް (ފޮޓޯގެ މެދުގައި) ހައްޔަރުކޮށް ފުލުހުން ހައްޔަރޔ ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޭނާ ފަސް ދުވަހު ބަންދު ކުރުމަށް މުއްދަތު ޖަހައިދީފައި ވަނިކޮށް ފުލުހުން ވަނީ އެނާ ދޫކޮށްލައިފަ އެވެ.

އެ ފަރާތުގެ ޝަކުވާގެ ސިޓީގައި އޮކްޓޯބަރު 25، 2011 ގައި ބޮޑެތި މާރާމާރީގެ މައްސަލަތަކުގައި އާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައާއި، މަރުގެ މައްސަލަތަކުގައި ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ފުލުހުންގެ ފަރާތުން ވިސްނަމުންދާކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް އަޙްމަދު ޝިޔާމް، ނޫސްތަކަށް މައުލޫމާތު ދެއްވާފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.

ފުލުހުންގެ އެ އަމަލަކީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ހަތަރު ވަނަ ނަންބަރުގެ ބަލާއިރު، ކޯޓުގެ ޙުރުމަތް ކަނޑާލީކަމަށް ބެލެވިދާނެފަދަ ޢަމަލެއް ކަމަށާއި، އެގަވާއިދުގެ 23 ވަނަ މާއްދާއިން ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލެއްކުރީ ޤާނޫނީ ޝަޚްސެއް ނުވަތަ މުއައްސަސާއެއްނަމަ އެވަގުތަކު އެތަނެއް ހިންގުމާ ޙަވާލުވެހުރި އެންމެ އިސް ފަރާތަކާއިމެދު ފިޔަވަޅު އެޅޭނެ ކަމަށާއި، މިގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީހާމެދު ފިޔަވަޅު އަޅައި ދިނުމަށް ވެސް އެ ސިޓީގައި ވެއެވެ.

މީގެ އިތުރުން، އެސިޓީގައި ކޯޓުގެ އަމުރުތަކާއި އެއްގޮތަށް ފުލުހުން ޢަމަލުކޮށްފައިވާކަމަށް ނުފެންނާތީ، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، މީގެ އިތުރުން ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ ދަށުން ވެސް މިކަމުގައި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަމަށް ފެންނާތީ، އެފަރާތްތަކާމެދު ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާ ކަމަށް ބުންޏެވެ.