21 Jun 2019, 13:19
އެއްވެސް ކަމެއްގައި މި ސަރުކާރުން ރަށްތަކުގައި މެދުގައި ތަފާތުކުރުން ނުގެންގުޅޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ހއ އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު މާރަންދޫއަށް ވަޑައިގެން ބަނދަރުމަތީގައި ރައްޔިތުންނާ ބައްދަލު ކުރައްވައި ނައިބު ރައީސް ފައިސަލް ވިދާޅުވީ، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް އޮތީ ތައުލީމާއި، ސިއްހީ ކަންކަން ހަރުދަނާ ކުރަން ކަމަށެވެ. އަދި އެކަމުގެ ހެޔޮ ބަދަލުތައް ރައްޔިތުންނަށް ފެންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
"ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކަމެއްގައި ވަކި ރަށެއް ތަފާތު ނުކުރުން. އެއްވެސް ކަމެއްގައި އަޅުގަނޑުމެން ރަށްތަކުގެ މެދުގައި ތަފާތެއް ނުގެންގުޅޭނެ،" ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެ ރަށު ސްކޫލާއި ސިއްހީ މަރުކަޒު އަދި އިންޖީނުގެއަށް ޒިޔާރަތްކުރެއްވި އެވެ. އެ ތަންތަނަށް ވަޑައިގެން މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، އެތަންތަނުގެ މިހާރުގެ ހާލަތު ބައްލަވައިލެއްވި އެވެ. އަދި ރަށު ކައުންސިލާ ވެސް ބައްދަލު ކުރައްވާނެ އެވެ.