ހއ. ހޯރަފުށީ ހަދާ އެއާޕޯޓް ފެހި ކުރުމަށް ބޭނުންވާ 500 ގަސް ހެއްދުމުގެ މަޝްރޫއެއް ފަށައިފި އެވެ.

އެމްޓީސީސީގެ ބޮޑު ކޮންނަ ބޯޓް، މަހާޖައްރާފް ގެނެސް، އެއާޕޯޓު އަޅަން އެ ރަށު ފަޅުތެރެއިން ބިން ހިއްކުމަށް މިދިޔަ އޭޕްރީލް މަހު ފެށި މަސައްކަތުގެ 60 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. އަދި އަންނަ މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމްޓީސީސީއިން ލަފާކުރެ އެވެ.

ހއ ގެ ބައެއް ރަށްރަށަށް ނައިބު ރައީސް ފައިސަލް ނަސީމް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހޯރަފުއްޓަށް އިއްޔެ ވަޑައިގެން އެމަނިކުފާނު ވަނީ ހޯރަފުށީ އެއަރޕޯޓް ފެހިކުރުމަށް ހަދިޔާކުރާ 500 ގަސް ހެއްދުމުގެ ޕްރޮގުރާމް ފައްޓަވައި ދެއްވައިފަ އެވެ. އެ ގަސްތައް ހަދިޔާކުރީ، އެ ރަށުގެ ފެނަކަ ބްރާންޗުން އެވެ.

އެ ރަސްމިއްޔާތުގައި، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަދި ބައެއް ފެނަކައިގެ މުވައްޒަފުން ބައިވެރިވި އެވެ.

އާންމުކޮށް އަލަށް ހިއްކާ ސަރަހައްދުތަކުގައި ގަސް އިންދަނީ އެހެން ތަންތަނުން ނަގައިގެން އެވެ. ނަމަވެސް ހޯރަފުށީ އެއާޕޯޓް ހެދުމަށް ހިއްކާ ބިމުގައި ޖަހަން ގަސް ހެއްދުމަށް ފަހު ޖެހުމަށް ވަނީ ނިންމައިފަ އެވެ.

އެންމެ ފުރަތަމަ އެ އެއާޕޯޓް އަޅަން ނިންމީ، އެ އަތޮޅު މާފިނޮޅުގަ އެވެ. އެހެން ނަމަވެސް، ހޯރަފުށީ ދާއިރާގެ އާ މެންބަރު ސަލީމް ލޮބީ ކުރައްވައިގެން އެ އެއާޕޯޓް ވަނީ ހޯރަފުއްޓަށް ބަދަލުކޮށްފަ އެވެ.

އެއާޕޯޓަށް ބިންހިއްކުމުގެ މަސައްކަތް ނައިބު ރައީސް ވަނީ ބައްލަވާ ލައްވައިފަ އެވެ. މީގެ އިތުރުން އެމްޓީސީސީގެ ހަލުވި ފެރީގެ ދަތުރުތައް ހޯރަފުއްޓަށް އިފްތިތާދު ކޮށްދެއްވީ ވެސް ނައިބު ރައީސް އެވެ.

އެ މަނިކުފާނު ވަނީ ހޯރަފުށީ ކައުންސިލާއި އެހެން ވެސް ބައެއް ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތް ކުރައްވައި އެ ތަންތަނަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވައިފަ އެވެ.