އިންޓަނޭޝަން މަނިޓަރީ ފަންޑް(އައިއެމްއެފް)ގެ ލަފަޔާ އެއްގޮތަށް އެންހޭންސްޑް ޖެނެރަލް ޑޭޓާ ޑިސެމިނޭޝަން ސިސްޓަމް (އީޖީ ޑީޑީއެސް) ގާއިމްކޮށްފި އެވެ.

ދެ ފުށް ފެންނާނެގޮތަށް ޑޭޓާ ތައް ފައްކާކުރުމުގެ މަގުސަދުގައި އައިއެމްއެފްގެ އެކްޒެކިއުޓިވް ބޯޑުން އެންހޭންސްޑް ޖެނެރަލް ޑޭޓާ ޑިސެމިނޭޝަން ސިސްޓަމް (އީ ޖީ ޑީޑީއެސް) ގާއިމްކުރީ 2015 ވަނަ އަހަރު އެވެ.

އެ ސިސްޓަމްގާއިމްކުރުމަށް އައިއެމްއެފްއިން ރާއްޖެއަށް މަރުހަބާ ކިޔައި ބުނީ އެ ސިސްޓަމްގެ ސަބަބުން ރައްޖޭގެ ތަފާސް ހިސާބުތަކުގެ ސިސްޓަމްތަރައްގީވެ އޭގެން ގައުމަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަަމަށެވެ.

އައިއެމްއެފްގެ ލަފާގެ މަތިން މިހާރު ރާއްޖެއިން ވަނީ އިގްތިސާދީ އަދި އެހެނިހެން މުހިއްމު ތަފާސް ހިސާބުތައް އެއް ޕޭޖަކުން ފެންނާނެގޮތް ހަދައިފައެވެ. އޭގެ ތެރޭގައި ސަރުކާރަށް ވަންނަ ފައިސާއާއި ދަރަންޏާއި ބެލެންސް އޮޕް ޕޭމަންޓްތައް ހިމެނެއެވެ.

އެ ޕޭޖުގައި ޝާއިއުކުރާ ތަފާސް ހިސާބުތައް މެޝިންއިންވެސް ރީޑްކުރެވޭގޮތަށް ފޯމެޓްވަނީ ބައްޓަންކޮށްފައެވެ.

އެ މައުލޫމާތުތައް ޝާއިއުކޮށްފައިވަނީ ރާއްޖޭގެ ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިްކްސްގެ ވެބްސައިޓްގައެވެ. އެ ޕޭޖްގައި ޝައިއުކުރަނީ އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީއާއި އަދި ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރޭ ތަފާސް ހިސާބުތަކެވެެ. އެ ޕޭޖްގައި އެ މައުލޫމާތުތައް ޝާއިއިކުރުމާއެކު އައިއެމްއެފްގެ ވެބްސައިޓުންވެސް އެމައުލޫމާތުތައް ލިބޭނެއެވެ.

އައިއެމްއެފްއިން ބުނީ އެ ސިސްޓަމް ރާއްޖެއިން ގާއިމްކުރުމުން ރާއްޖޭގެ ޕޮލިސީތައްހަދާ ބޭފުޅުންނަށާއި އަދި ބައިނަލްއަގުވާމީ އިންވެސްޓަރުންނަށާއި އަދި ރޭޓިން އޭޖެންސީތަކަށް ތަފާސް ހިސާބުތަކަށް އެކްސެސްވެ މޮނީޓާކުރުމުގައި ފަސޭހަވެގެން ދާނެ ކަމަށެވެ.