26 Oct 2011, 11:45
އަންނަ މަހު އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ބާއްވާ 17 ވަނަ ސާކް ސަމިޓަށް ތައްޔާރު ވުމަށް އެމްއެންޑީއެފުން އައްޑޫ ސިޓީ އަށް ގެންދިޔަ ތިން ކާރު ބާލަން އުޅުމުގެ ތެރޭގައި ކޮންޓެއިނަރާ އެކު ކްރޭނެއް ފުރޮޅާލައި ކޮންޓޭނަރު މޫދަށް ވެއްޓިއްޖެ އެވެ.
ސަން އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި އެ ކޮންޓެއިނަރާ އެކު މޫދަށް ވެއްޓުނީ ތިން ކާރެވެ. އަދި ކްރޭން ފުރޮޅާލީ ހިތަދޫ ސަރަހައްދީ ބަނދަރުގައި އޮތް ބޯޓަކުން އެތަކެތި ބާލަން އުޅުމުގެ ތެރޭގައި ކްރޭން ކޮންޓްރޯލުން ނައްޓައިގެން ދިއުމުގެ ސަބަބުން ކަމަށް އެނގިފައިވެ އެވެ.
އެމް އެންޑީއެފްގެ މީޑިޔާ އޮފިސާ އަބްދުﷲ އަލީ މިއަދު ވިދާޅުވީ ފުރޮޅާލި ކޮންޓެއިނަރަކީ ސާކް ސަމިޓަށް ގެންދިޔަ ބައެއް މުދާ ކަމަށާއި ވިދާޅުވީ ކޮންޓެއިނާ ވެއްޓިފައި ވަނީ ކްރޭންގެ ޕޮޒިޝަން ކަޓައިގެން ދިއުމުން ކޮންޓެއިނާ ބެލެންސް ނުވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ކޮންޓެއިނާ ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި އެހެންނަމަވެސް ކޮންޓެއިނާ އަށް ލޮނުއެޅިފައިވުމުގެ ސަބަބުން އެތެރޭގައި ހުރި މުދަލަށް ގެއްލުންވުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މުދާ ގެނެސް މިއަދު ބާލަން ބޭނުން ކުރީ ސަރަހައްދުގައި ބޭނުން ކުރާ ބޮޑު ކްރޭނެއް. ތިން ކޮންޓެއިނާ ބާލާފައި ހަތަރު ވަނަ ކޮންޓެއިނާ ބާލަން އުޅެނިކޮށް ކްރޭންގެ ޕޮޒިޝަން ކެޓިގެން ގޮސް ކޮންޓެއިނަރާ އާއެކީ ފުރޮޅާލީ،" އަބްދުﷲ ވިދާޅުވި އެވެ. "އެ ކޮންޓެއިނާގައި ހިމެނޭނީ އަޅުގަނޑުމެން ސާކް ސަމިޓަށް ގެނައި ބައެއް ކަހަލަ މުދާ. ކޮންޓެއިނާ ވެއްޓުނީ މޫދަށްކަށް ނޫން، އެކަމަކު އެއްފަޅި މޫދަށްވާ ގޮތަށް އޮތުމުން ކޮންމެވެސް ވަރަކަށް ލޮނުގެ އަސަރުކޮށް، މުދަލަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ވާނެ. ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ނުވާނެ،"
އޭނާ ވިދާޅުވީ މިހާރު އެ ކޮންޓެއިނާ ނެގުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނަ ކަމަށެވެ.